ޚަބަރު

ކުވައިތުގެ ސަރުކާރު އަނެއްކާވެސް އިސްތިޢުފާ ދީފި


މި އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ކުވައިތުގެ ސަރުކާރު އިސްތިޢުފާ ދީފިއެވެ.

ކުވައިތުގެ ބޮޑުވަޒީރު ޝޭޚު ޞަބާޙު އަލްޚާލިދު އަލްޞަބާޙަށް އެ ޤައުމުގެ ސަރުކާރުގެ އިސްތިޢުފާ ހުށަހަޅާފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހާ ޚިޔާލު ތަފާތުވެ އުފެދިފައިވާ މައްސަލަތައް ޙައްލުނުކުރެވުމުންނެވެ. ސަރުކާރާއި ޤާނޫނުހަދާ މަޖިލީހާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކުވައިތުގެ މާލީ ނިޒާމު އިޞްލާޙުކުރުމުގެ މަސައްކަތް ހުއްޓުމުން އެ ޤައުމުގެ އިޤްތިޞާދަށްވަނީ އޭގެ އަސަރުކޮށްފައެވެ. ތެލުގެ އަގު ދަށްވެ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުވައިތުގެ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންވަނީ ބޮޑުވަޒީރު އަލްޞަބާޙު ޙާޒިރުކޮށް އޭނާއާ ސުވާލުކުރުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ކަމަށް ކުވައިތުގެ ސަރުކާރުންވަނީ ހުރަސްއަޅައިފައެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިވެސް ކުވައިތުގެ ސަރުކާރުވަނީ އިސްތިޢުފާ ދީފައެވެ. އަދި އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވާލާފައިވަނީ އޭގެ ދެ މަސްދުވަސް ފަހުންނެވެ. ބޮޑުވަޒީރުގެ މަޤާމަށް އަލްޞަބާޙު ޢައްޔަންކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

ކުވައިތުގައި ސިޔާސީ ޕާޓީ ހިންގުން ޙުއްދަކޮށްފައި ނެތް ނަމަވެސް އެ ޤައުމުގެ ޤާނޫހަދާ މަޖިލީހަށްވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެ ގޮތުން ކުވައިތުގެ ޤާނޫނުހަދާ މަޖިލީހަށްވަނީ ޤާނޫނު އެކުލަވާލުމާއި ވަޒީރުންނާ ސުވާލުކުރުމާއި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ދީފައެވެ،