ޚަބަރު

ޗައިނާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ


ޗައިނާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

ޗައިނާގެ ޤައުމީ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 89 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ކުރީ ދުވަހު ބަލިޖެހުނީ 74 މީހުންނަށްށެވެ. ޗައިނާގައި މި ފަހަރު ބަލިމަޑުކަން ފެތުރެން ފަށާފައިވަނީ އެ ޤައުމުގެ ލިއައޮނިން އަދި ހެނާން ޕުރޮވިންސްގައެވެ. ކޯވިޑް-19ގެ އިތުރު ރާޅަކާ ޗައިނާއިން ކުރިމަތިލާން ޖެހުނު ނަމަވެސް އެ ޤައުމުން މި ފަހަރު ބަލިޖެހިގެން މީހަކު މަރުވެފައެއް ނުވެއެވެ. ޗައިނާގެ ޤައުމީ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ޤައުމުގައި 800އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގައި މިހާތަނަށް 97،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 4،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.