ސިއްހަތު

ރާއްޖެއިން ޗައިނާ އާއިއެކު ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރަނީ


ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ފުކާންގއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެލްތް މިނިސްޓްރީގައެވެ.ޗައިނާއާއި ރާއްޖެއާ ދެމެދު ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން މިއަދު ސޮއިކުރެވުނު "ބްރައިޓް ޖާރނީ" އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 100 މީހުންނަށް، ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ކެޓަރެކްޓް ސަރޖަރީ ހެދުމުގެ މަގު ތަނަވަސް ވެގެންދާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއެއްބަސްވުމާއެކު، ސިއްޙީ ދާއިރާއިން ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ފުކާންގގެ ވަނީ، ހެލްތް މިނިސްޓްރީއިން އެކި ކަންކަމުގައި ޗައިނާއާއެކު ބާއްވަވާ ޚާއްސަ ގުޅުން ފާހަގަކުރައްވާ، މިނިސްޓަރ އިރުތިޝާމް އާދަމްއަށް ޝުކުރު އަދާކުރައްވާފައެވެ."ޗައިނާގެ ބައެއް ސަރަހައްދުތަކަކީ ފިނިހޫނުމިނުގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް ދިވެހިންނަށް ގޮސް އުޅެން ފަސޭހަ މާހައުލެއް. މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު، ސިއްޙީ ދާއިރާއިން ދެޤައުމުގެ މެދުގައި މިފެށިގެންދާ ގުޅުމުގެ ސަބަބުން، ރާއްޖޭގެ ބަލި މީހުން ޗައިނާއަށް ބޭސް ފަރުވާއަށް ޒިޔާރަތް ކުރާނެ ކަމަށް އުއްމީދު ކުރަން" ޗައިނާގެ ސަފީރު ވިދާޅުވިއެވެ.މިއެއްބަސްވުމުގެ ދަށުން ދެވޭ 100 ފުރުސަތަށް ބަލި މީހުން ހޮވުމަށް ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އައިސް ރާއްޖޭގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. ރާއްޖޭގައި ކެޓެރެކްޓް ސަރޖަރީ ހަދަން ޖެހިފައިވާ ގިނަ ބަޔަކު އެބަތިބި ކަމަށާއި މި އޮޕަރޭޝަންތައް މިމަހުގެ ފަހުކޮޅުފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން މަޢްލޫމާތު ދެއްވައެވެ.