ކުޅިވަރު

ސިޓީއިން ފަސޭހަކަމާއެކު ޔުނައިޓެޑް ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ސިޓީއިން ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މުޅި މެޗް ހެން ކޮންޓްރޯލްކޮށް، ގިނަ ހަމަލާވެސް އުފައްދާފައިވަނީ ސިޓީއިންނެވެ. މިގޮތުން މިމެޗްގައި ސިޓީއިން 16 ހަމަލާ އުފެއްދި އިރު ޔުނައިޓެޑަށް އުފެއްދުނީ ފަސް ހަމަލާއެވެ. މިމެޗް ފެށުމާއެކު ސިޓީއިން ދިޔައީ ހަމަލާއަކަށް ފަހު ހަމާލެއް އުފައްދާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި ސިޓީއިން ލީޑު ނެގީ 7 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ޑިފެންޑަރ އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީއިން ތަނަވަސް ކުރިއެވެ. ނަމަވެސް މިހުރިހާ ހަމަލާތަކެއްވެސް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑިގެއާ ދިފާއުކޮށްފައެވެ. އެހެން ނޫން ނަމަ މިމެޗްގެ ފުރަތަމަ ހާފްގައިވެސް ގިނަ ލަނޑުތަކެއް ފެނިގެންދިއުން އޮތީ ވަރަށް ކައިރީގައެވެ. މިމެޗްގައި ސިޓީއިން ޖެހި ދެވަނަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ޖާއޮ ކަންސޭލޯ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވަރއެވެ. މިލަނޑު ސިޓީއަށް ކާމިޔާބު ވުމުގައިވެސް ޔުނައިޓޭޑްގެ ދެ ޑިފެންޑަރުންކަމަށްވާ ހެރީ މެގުއަޔަރ އާއި ލޫކް ޝޯ އަށް ރަނގަޅަށް ޑިފެންޑް ނުކުރެވުނުކަން ފާހަގަވެގެން ދިޔައެވެ. މިމެޗްގެ ދެވަނަ ހާފްގައި ސިޓީއިން އެންމެ ވަރުގަދަ ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މިހާފްގައިވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ސިޓީއަށް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ސިޓީއިން ވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް މިވަގުތު އަރާފައެވެ. ނަމަވެސް މިރޭ ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރާ މެޗުން ލިވަޕޫލް މޮލުވެއްޖެނަމަ އަލުން ލިވަޕޫލް ދެވަނަ ލިބޭނެއެވެ. މިމެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު އުޅެނީ 11 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ވެއްޓިފައެވެ. އަދި މިއާއެކު އަނެއްކާވެސް އެޓީމުގެ ކޯޗް އޮލޭ ގުނަރ ސޯލްޝެއާއަށް އޮތް ޕްރެޝަރު މިވަނީ އިތުރު ވެފައެވެ.