ޚަބަރު

އެމެރިކާއިން 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ސަޢުދީ ޢަރަބިއްޔާއަށް ވިއްކަނީ


ސަޢުދީ ޢަރަބިއްޔާއަށް 650 މިލިޔަން އެމެރިކާ ޑޮލަރުގެ މިސައިލް ވިއްކުމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ. އެއީ އެމެރިކާގެ ރައީސްގެ މަޤާމަށް ޖޯ ބައިޑަން ވަޑައިގެންނެވުމަށްފަހު ސަޢުދީ ޢަރަބިއްޔާއަށް އެންމެ ގިނަ ޢަދަދެއްގެ ހަތިޔާރު ވިއްކައި ފަހަރެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ ޢަދަދެއްގެ ހަތިޔާރު ވިއްކަން ނިންމީ ސަޢުދީ ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ނުރައްކާތަކުންނާއި މުސްތަޤްބަލުގައި ކުރިމަތިވެދާނެ ނުރައްކަލުން އެ ޤައުމު ސަލާމަތްކުރުމަށްކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެމެރިކާގެ މުޙިއްމު ބައިވެރިއެއްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެތައް މިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ސަޢުދީ ޢަރަބިއްޔާއަށް ވިއްކަން އެމެރިކާއިން ނިންމީ ސަޢުދީ ޢަރަބިއްޔާއިން ޔަމަނުގައި ހިންގައި އަސްކަރީ ޙަރަކާތްތަކަށް ތާޢީދުނުކުރައްވާނެކަމަށް ބައިޑަން ވިދާޅުވެފައިވަނިކޮށެވެ. ސަޢުދީ ޢަރަބިއްޔާއަށް މިސައިލް ވިއްކުމަށް އެމެރިކާއިން އެއްބަސްވެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ އަސްކަރީ ހެލިކޮޕުޓަރުތައް މަރާމާތުކުރުމަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ސޮއިކޮށްފައިވަނިކޮށެވެ.