ޓޮޓްނަމް ހޮޓްސްޕަރގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކޯޗްކަމުގެ ދަށުން އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ޓޮޓްނަމް މެޗު ކާމިޔާބުކޮށްފައިވަނީ ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވިޓޭސޭ އާންހެމްއާއި ބައްދަލުކުރިމެޗެވެ.
ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މިމެޗްގެ ޓޮޓްނަމުން ވަނީ އާ ކޯޗަކު ހިތްހަމަޖެހޭނެ އެންމެ ރަނގަޅަށް ޓޮޓްނަމުންވަނީ މިމެޗް ފަށާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ޓޮޓްނަމުން ވަނީ ތިން ލަނޑުގެ ލިޑެއް މިމެޗްގައި ނަގާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ޓޮޓްނަމްގެ ސޮން ހެއުންގ މިންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑުވަނީ މެޗްގެ 22 ވަނަ މިނެޓްގައި ލޫކަސް މޯރާ ޖަހައިދީފައެވެ. އަދި ތިންވަނަ ލަނޑަކީ ވިޓޭސޭގެ ޖޭކޮބް ރަސްމުސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މިލަނޑު ބައިކޮޅަށް ޖެހިތާ ހަތަރު މިނެޓް ފަހުން ރަސްމުސެންވަނީ މިމެޗްގައި ވިޓޭސޭގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި މެޗްގެ 39 ވަނަ މިނެޓްގައި ވިޓޭސޭގެ މަޓުސް ބެރޯވަނީ ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއްލަނޑަށް ބަދަލުކޮށްފައެވެ. އަދި ވިޓެސޭއިން ކުރަމުންދިޔަ މަސައްކަތައް އިތުރު ހިތް ވަރެއް ލިބިގެންދިޔައީ މެޗްގެ 59 ވަނަ މިނެޓްގައި ޓޮޓްނަމްގެ ކްރިސްޓިއަން ރޮމޭރޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުންނެވެ. ނަމަވެސް މިމެޗްގައި އިތުރު ލަނޑެއް ފެނުމުގެ ބަދަލުގައި ދެންވެސް ފެނިގެންދިޔައީ ރަތް ކާޑެކެވެ. މިގޮތުން މެޗުގެ 80 ވަނަ މިނެޓްގައި ވިޓޭސޭގެ ކެޕްޓަން ޑޭނީލިއޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކަޑު ދެއްކުމުން އެޓީމަށް ލިބިފައިވި އެއް ކުޅުންތެރިއެއްގެ އެޑްވާންޓޭޖްވެސް ގެއްލިގެންދިޔައެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ވިޓޭސޭގެ ކީޕަރ މާރކަސް ޝުބަރޓް ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތް ލުމުގެ ސަބަބުން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމާއެކު ޓޮޓްނަމް ކޮޅަށް އަލުން މެޗް އެނބުރިގެންދިޔައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗް ކޮންޓޭ ހާމަކުރިގޮތުގައި އޭނާގެ ޓީމުގައި ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. އަދި މިޓީމް ހަމައަކަށް އަޅުވާ އެންމެން ބޭނުންވާ ފެންވަރަށް ޓޮޓްނަމް ގެންނަން ބޭނުންވާކަމުގައިވާކަމަ ކެތްތެރިކަން ބޭނުންވާކަމަށް އޭނާ ހާމަކުރިއެވެ. އަދި ކުރިމަތީ އޮތް މަސައްކަތާއި ކުރިމަތިލުމާމެދު އެއްވެސް ޖެހިލުންވުމެއް ނެތް ކަމަށާއި އޭނާއަށް މިކަން ކާމިޔާބު ކުރެވެނެ ކަމަށް ގަބޫލް ކުރާކަމަށްވެސް ކޮންޓޭ ބުންޏެވެ. މިކާމިޔާބީއާއެކު ޓޮޓްނަމް މިހާރު އުޅެނީ ގްރޫޕް ޖީގެ ދެވަނައިގައެވެ. އެއީ ކުޅުނު 4 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކުގައެވެ. މިމެޗުން ބަލިވުމުން ވިޓޭސޭވަނީ ހަތަރު މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތިންވަނައަށް ވެއްޓިފައެވެ.