ޚަބަރު

ރައީސް ނަޝީދަށް އިންޒާރުދިން މީހާއަށް ދައުވާކުރަން ފޮނުވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އިންޒާރުދިންކަމުުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައި ޕީޖީ ކޯޓަށް ހުށަހަޅާފައިވަނީ ހ.ލައިޓްނައިޓް އިސްމާޢީލް ޔާފިސްގެ މައްސަލައެވެ.

ފުލުހުން އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެކަމަށް ބުނެ ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި މިދިޔަ އޮގަސްޓްމަހު އިންޒާރުދިނުމާއި ގުޅިގެނެވެ.

އެމައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތް އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައިވެސް އޭނާ ވަނީ ރައީސް ނަޝީދަށް އިންޒާރުދީފައެވެ. އެމައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އޭނާ އެއް މަސް ދުވަހަށް ޖަލަށްވެސް ލިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އިސްމާޢީލް ޔާފިސް، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، 2020 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައި 3 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އިސްމާޢީލް ޔާފިސްގެ މައްޗަށް އުފުލާފައިވާ ދައުވާތައް،

1. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން (އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު)

2. ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ. (އަދަބު: 4 އަހަރާއި 6 އަހަރާ ދެމެދު)

3. ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 16-1 ގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން. (އަދަބު: 3 އަހަރާއި 5 އަހަރާ ދެމެދު)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އިންޒާރުދިންކަމުުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާއިރު، އެމަނިކުފާނު އަވަހާރަކޮށްލަން މިދިޔަމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ޝަރީއަތްތައް ވަނީ ފަށާފައެވެ.