ޚަބަރު

ޗައިނާގެ ނިޔުކްލިޔަރ ހަތިޔާރު ހީކުރި ޢަދަދަށްވުރެ ގިނަ: އެމެރިކާ


ޗައިނާއިން އުފައްދާފައިވާ ނިޔުކްލިޔަރ ހަތިޔާރު ހީކުރި ޢަދަދަށްވުރެ ގިނަކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަނުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެ ޤައުމުން އުފައްދާފައިވާ ނިޔުކްލިޔަރ ހަތިޔާރުގެ ޢަދަދާ އެއްވަރަށް ޗައިނާއިން ނިޔުކްލިޔަރ ހަތިޔާރު އުފައްދަން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާކަމަށެވެ. ޕެންޓަގަނުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ 2027ގެ ނިޔަލަށް ޗައިނާއިން 700 ނިޔުކްލިޔަރ މިސައިލް އުފައްދާނެކަމަށާއި 2030ވަނަ އަހަރުގެ ނިޔަލަށް އެ ޢަދަދު 1،000އަށް އިތުރުވާނެކަމަށެވެ. އަދި އެއީ ޕެންޓަގަނުން މީގެ އަހަރެއް ކުރިން ލަފާކުރި ޢަދަދަށްވުރެ ދެ ގުނަ އިތުރު ޢަދަދެއްކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އެމެރިކާއިން އުފައްދާފައިވަނީ 3,750 ނިޔުކްލިޔަރ މިސައިލެވެ. ނަމަވެސް އެ ޢަދަދު އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް އެމެރިކާއިން ނުގެންގުޅެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއްގަމާއި ކަނޑުމަގުންނާއި ވައިގެ މަގުން ނިޔުކްލިޔަރ މިސައިލުން ޙަމަލާދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ޗައިނާއިންވަނީ ބޮޑު ޚަރަދެއްކޮށްފައެވެ.