ކުޅިވަރު

ރަށުން ބޭރުގައި އަޔެކްސް މޮޅުވެ ދެވަނަ ބުރަށް


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ބާކީ ދެ މެޗު އޮއްވައި އަޔަކްސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފިއެވެ.

ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި އަޔަކްސް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 29 ވަނަ މިނިޓްގައި ވަނީ އެ ޓީމުގެ ޑިފެންޑަރު މެޓް ހަމެލްސް އަށް ރަތް ކާޑެއް ދައްކާފައެވެ. އެހެންނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އަކުން މާކޯ ރެއުސް ވަނީ ޑޯޓްމަންޑަށް ލީޑުނަގައިދީފައެވެ. އަޔަކްސް މޮޅުވީ ފަހު ވިހި މިނިޓުގެ ތެރޭ ތިން ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޑޫސާން ޓަޑިޗާއި ސަބެސްޓިއަން އަލެއާ އަދި ޑޭވީ ކްލާސެންއެވެ. ގްރޫޕް ސީގެ އެއް ވަނައިގައި އަޔަކްސް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ.

ދެ ވަނައިގައި އޮތީ މިރޭ 4-0 އިން ބެސިކްޓާސް ބަލިކުރި ސްޕޯޓިން ލިޒްބަންއެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެންމެ ފުލުގައި އޮތް ބެސިކްޓާސަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ބަޔާން މިއުނިކާއި ޔުވެންޓަސް ވެސް ވަނީ ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުން ފުރުސަތު ހޯދައިފައެވެ.