ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހަތަރު ބިލެއް ރައީސުލްހުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ފޮނުވި ބިލުތަކުގެ ތެރޭގައި ހިމެނެނީ ތިން ޤާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތަކާއި އާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ 4 ބިލަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރަށް ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާހުގެނައުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 33 ބިލެއް މަޖިލީހަށް ހުށައެޅުމަށްވެސް ބަންޑާރަ ނާއިބު ވަނީ ނިންމާފައެވެ. އޭގެތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއި، އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ހެއްކާބެހޭ ގާނޫނުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ގާނޫނުގެ ބިލް ހިމެނެއެވެ. އަދި ފޮރިން އިންވެސްޓްމެންޓުގެ ގާނޫނުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނުގެ ބިލާއި، ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނުގެ ބިލާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނުގެ ބިލްވެސް ހިމެނެއެވެ.
އިޞްލާޙު ގެނައުމަށް ނިންމާފައިވާ ބައެއް ބިލްތަކުގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، އިންތިގާލީ އިންސާފުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.