ޚަބަރު

ގުލާސްގޯގައި ފަރަންސޭސިވިލާތުގެ ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލައިފި


އިނގިރޭސިވިލާތުގެ ގުލާސްގޯގައި ބާއްވަމުންދާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ބައްދަލުވުމުގެ ހަވާސާގައި ފަރަންސޭސިވިލާތުގެ ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލައިފިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ބައްދަލުވުމުގެ ކުރިން ފަރަންސޭސިވިލާތުންވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއާމެދު ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ގޮތުން މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުންވަނީ ނުރުހުންފާޅުކޮށް ޝަކުވާކޮށްފައެވެ. އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ 2016ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން އުފައްދައި ސަބްމެރީން އޮސްޓުރޭލިޔާއިން ނުގަންނަން ނިންމުމުންނެވެ. އޭގެ ބަދަލުގައި އަސްކަރީގޮތުން އޮސްޓުރޭލިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާއިންނާއި އިނގިރޭސިވިލާތުންނެވެ. އެ ނިންމުމުގެ ސަބަބުން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ގެއްލުން ފަރަންސޭސިވިލާތަށް ލިބޭނެއެވެ. އެއާއެކު ފަރަންސޭސިވިލާތުންވަނީ އެމެރިކާއާއި އޮސްޓުރޭލިޔާއަށް ކަނޑައަޅާފައިވާ ސަފީރުން އަނބުރާ ޤައުމަށް ގެނެސްފައެވެ.

ގުލާސްގޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަރަންސޭސިވިލާތުގެ ރައީސް އެމުނުއެލް މެޚްރޮންވަނީ އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން އިތުރުފުޅުހެއްދެވިކަމަށް ތުޙްމަތުކުރައްވައިފައެވެ. އެ ގޮތުން އޮސްޓުރޭލިޔާގެ ނިންމުންތައް ސާފުގޮތެއްގައި ފަރަންސޭސިވިލާތަށް ޙިއްޞާނުކުރާކަމަށާއި އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށް އިތުބާރު ގެއްލިފައިވާކަމަށް މެޚްރޮން ވިދާޅުވިއެވެ. އޭނާއަށް ރައްދުދެއްވަމުން މޮރިސަން ނޫސްވެރިން ގާތު ވިދާޅުވެފައިވަނީ އޮސްޓުރޭލިޔާއިން ޢަމަލުކޮށްފައިވަނީ ފަރަންސޭސިވިލާތަށް ބޮޑު ގެއްލުމެއް ދިނުމަށްނޫންކަމަށާއި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ގުލާސްގޯގައި މެޚްރޮންނާއި މޮރިސަން ބަހުގެ ޙަމަލާތަކެއް ބަދަލުކުރައްވަނިކޮށް އޮސްޓުރޭލިޔާގެ ނޫސްތަކުންވަނީ އެ ދެ ބޭފުޅުންގެ މެދުގައި ވަކިން ދެކެވިފައިވާ ބައެއް ވާހަކަތައް ޢާއްމުކޮށްފައެވެ. އެ ވާހަކަތަކުން އެނގޭ ގޮތުގައި ސަލާމަތީ އިއްތިޙާދާއި ސަބްމެރީންތަކާ ގުޅޭގޮތުން މެޚްރޮންނާ ވާހަކަދެއްކެވުމަށް މޮރިސަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް މެޚްރޮން އެ ކަމަށް ސަމާލުކަމެއް ނުދެއްވާކަން އެ ވާހަކަތަކުން އެނގެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ބައްދަލުވުމުގެ ހަވާސާގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ދެމެދުވެސްވަނީ ޚިޔާލުތަފާތުވެ ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ދެ ޤައުމުގެ ދެމެދުގައި ޖެހިފައިވަނީ މަސްވެރިކަމާ ގުޅުންހުރި މައްސަލައެކެވެ.