ޚަބަރު

އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން އދއަށް


އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެ ޤައުމާ ގާތްގުޅުމެއް އޮންނަ ޗައިނާއާއި ރަޝިޔާއިން މަސައްކަތް ފަށައިފިއެވެ.

އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ހަތިޔާރާއި މިސައިލް އުފެއްދުމުގެ މަޝްރޫޢު ހުއްޓުވުމަށް 2006ވަނަ އަހަރުން ފެށިގެން އދގެ ސަލާމަތީ މަޖިލީހުންވަނީ އެކި ފަހަރުމަތިން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އޭގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދުންވެސްވަނީ ވަކިވަކިން އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

ޗައިނާއާއި ރަޝިޔާއިން މަސައްކަތްކުރަނީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުވާލުމަށެވެ. އެ ގޮތުން އެ ދެ ޤައުމުން ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި ބާރުއަޅާފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއަށް ދީފައިވާ ލުއިތައް އިޔާދަކުރުމަށެވެ. އެ ލުއިތަކުގެ ތެރޭގައި އުތުރު ކޮރެޔާއިން އެހެން ޤައުމުތަކަށް މުދާ ބޭރުކުރުމުގެ ޙުއްދަދިނުމާއި އެ ޤައުމަށް ތެޔޮ އެތެރެކުރުމުގެ ޙުއްދަދިނުން ހިމެނެއެވެ. ޗައިނާއާއި ރަޝިޔާއިން ބޭނުންވަނީ އުތުރު ކޮރެޔާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ޙާލަތުން ސަލާމަތްކުރުމަށް އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ސަލާމަތީ މަޖިލީހުން އުވާލުމަށެވެ.

ބެލެވޭ ގޮތުގައި އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން ކުރަމުންދާ މަސައްކަތަށް ސަލާމަތީ މަޖިލީހުން ލިބޭނީ ފިނި ތަރުހީބެކެވެ.