ކުޅިވަރު

އަގުއޭރޯ ތިންމަހަށް ކުޅުމާ ދުރަށް


ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ސިއްހީ ހާލަތު އެންމެ ރަނގަޅުކަމަށް ނުފެންނާތީ އިތުރު ފަރުވާއަށް ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އަލަވޭސް މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރިއެވެ. އެ މެޗަށްފަހު ބާސެލޯނާއިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއެކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. ބާސެލޯނާއިން ބުނީ އަގުއޭރޯގެ ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުގައި އޭނާގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު ޑޮކްޓަރުން ގާތުން ބަލަމުން ގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ.

މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލައަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަގުއޭރޯ ފުރަތަމަ ފަހަރަށް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ހޮނިހިރު ދުވަހުގެރޭ އަލަވޭސްއާ ދެކޮޅަށެވެ.