ޚަބަރު

ކޮޕް26 : ރާއްޖޭގެ ވަފުދަށް ލަފާދޭން ޕްރިންސް ޒައިދު ހުނެވުމުން މަސައްކަތައް އިތުރަށް ފުރިހަމަވާނެ - ރައީސް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،"ކޮޕް26"ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ހަމަޖެއްސެވި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރ، ޕްރިންސް ޒައިދު ރައަދު އަލް ޙުސައިންއާ ބައްދަލުކުރައްވައިފިއެވެ.

ސްކޮޓްލެންޑުގެ ގްލަސްގޯގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ހައިސިއްޔަތުން ޕްރިންސް ޒައިދު ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖެއާއެކު އަލަށް ފެށްޓެވި މަސައްކަތް ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްސަލައަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމަކަށް ވަރަށް ނާޒުކު މައްސަލަތަކެއްކަން ފާހަގަކުރައްވައި، ކޮޕް26 ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޒައިދު ވަނީ ރާއްޖޭގެ ވަފުދަށް އެއްބާރުލުމާއި އެހީތެރިކަންފޯރުކޮށްދިނުމަށް ރާއްޖޭގެ ވަފްދާ ގުޅިވަޑައިގެންނެވުމަށް އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންނެވުން އެއީ ލިބުނު ފަޚުރެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޕްރިންސް ޒައިދު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކުން އަރައިގަތުމަށްޓަކައި، ވިލުންވެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ކުރަންޖޭ ކަންކަން ކުރުމަށް އިތުރު އެހީއަށް ބޭނުންވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ނުލިބުން އެއީ ކުރިމަތިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ.

އަދި ކޮޕް26ގެ ބައްދަލުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ މައްޗަށްވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖޭގެ ވަފްދުގެ ބޭފުޅުންނަށް ލަފާއެރުވުމަށް ޕްރިންސް ޒައިދު ހުންނެވުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޕްރިންސް ޒެޢިދުގެ ހުރި ތަޖުރިބާއާއެކު މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ޕްރިންސް ޒައިދު ރަޢަދު އަލް ޙުސައިނަކީ އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރެވެ. މީގެ ކުރިން ޕްރިންސް ޒެއިދު ވަނީ އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު 2014 އިން 2018 އަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވާފައެވެ. އަދި އ.ދ.އަށް އެ ޤައުމުން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ ހައިސިއްޔަތުން (2000-2007 އަދި 2010-2014) އަދި އެ ޤައުމުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން (2007-2010) އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ޕްރިންސް ޒައިދު ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި މަސައްކަތް ކުރައްވައި، އދ.ގެ ޕީސް ބިލްޑިންގ ކޮމިޝަންގެ ކޮންފިގަރޭޝަން ޗެއަރކަން ކުރައްވައި، އަދި ކުރީގެ ޔޫގޮސްލާވިއާގައި އދ.ގެ ފަރާތުން ޞުލްޙަ ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.