ޚަބަރު

ސިންގަޕޫރުގައި ކޯވިޑް-19 ޖެހިގެން އަހަރަކު 2،000 މީހުން މަރުވާނެކަމަށް ލަފާކޮށްފި


ސިންގަޕޫރުގައި ކޯވިޑް-19 ޖެހިގެން އަހަރަކު 2،000 މީހުން މަރުވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ލަފާކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ނިޔުމޯނިޔާއާއި އިންފުލުއެންޒާއާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން ސިންގަޕޫރުގައި އަހަރެއްގެ މައްޗަށް 4،000 މީހުން މަރުވެއެވެ. ސިންގަޕޫރުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ސަރުކާރުން ބުނެފައިވަނީ ބަލިޖެހޭ މީހުންގެ 0.2 އިންސައްތަ މަރުވަމުންދާކަމަށާއި އެއީ އެ ޤައުމުގައި މީގެ ކުރިން ނިޔުމޯނިޔާ ޖެހިގެން އަހަރެއްގެ މައްޗަށް މަރުވާ ޢަދަދުކަމަށެވެ. އަދި އެއީ ޙާލަތު ގޯސް ބައެއް ޤައުމުތަކުގައި ބަލިޖެހިގެން މަރުވާ މީހުންނަށްވުރެ މަދު ޢަދަދެއްކަމަށާއި އެންމެ ރަނގަޅު ޞިއްޙީ ފަރުވާއާއެކުވެސް މަރުވާ މީހުންގެ ޢަދަދު ނިޞްބަތުން ގިނަކަމަށްވެސް ސިންގަޕޫރުގެ ސަރުކާރުން ބުނެފައިވެއެވެ.

5.45 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި މިހާތަނަށް 198،000 މީހުންނަށް ކޯވިޑް-19 ޖެހި 400އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ހުރިހާ ޑޯސެއް ފުރިހަމަކޮށްފައެވެ.