ޚަބަރު

ހީކުރި ގޮތައި ޚިލާފަށް ކިޝީޑާއަށް ބޮޑު އަޣްލަބިއްޔަތެއް


ޖަޕާނުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ކުރިން ހީކުރެވުނު ގޮތައި ޚިލާފަށް އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާ ނިޞްބަތްވެވަޑައިގަންނަވައި ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބިއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ޖަޕާނުގެ އިޤްތިޞާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކިޝީޑާގެ މޭސްތިރިކަމުގެ ދަށުން އެލްޑީޕީން އިންތިޚާބު ކާމިޔާބުކުރި ނަމަވެސް ކުރީގެ އިންތިޚާބުތަކުގައި ލިބުނުފަދަ ކާމިޔާބެއް ލިބޭނެކަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފައެއް ނުވެއެވެ. ނަމަވެސް އިންތިޚާބުގެ ވަޤުތީ ނަތީޖާއިން ދައްކައި ގޮތުގައި އެލްޑީޕީންވަނީ ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތެއް ހޯދައިފައެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގެ 465 ގޮނޑީގެ ތެރެއިން އެލްޑީޕީންވަނީ 259 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އެ އެލްޑީޕީއާ އިއްތިޙާދުވެފައިވާ ކޮމައިތޯ ޕާޓީންވަނީ 32 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު އެ ދެ ޕާޓީންވަނީ ޤާނޫނުހަދާ މަޖިލީހުގެ 291 ގޮނޑި ނުވަތަ ޖުމުލަ 62 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބުގެ ކުރިން ކިޝީޑާ އުއްމީދުކުރެއްވީ މަދުވެގެން 233 ގޮނޑި ކާމިޔާބުކުރެއްވުމަށެވެ.

ފާއިތުވި 66 އަހަރުގެ ތެރޭގައި ޖަޕާނުގައި ވެރިކަންކޮށްފައިވަނީ އެލްޑީޕީންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ޕާޓީއަށް ވެރިކަން ގެއްލިފައިވަނީ އެންމެ ފަހަރަކު އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން ޔޮޝިހިޑެ ސުގާ އިސްތިޢުފާ ދެއްވުމުން ކިޝީޑާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ.