ކުޅިވަރު

އަގުއޭރޯގެ ހިތުގެ ޓެސްޓުތަކެއް ހަދަނީ


ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ހިތުގެ އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލަވޭސް މެޗުގެ 41 ވަނަ މިނިޓުގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރިއެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއަކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަގުއޭރޯގެ ފުރަތަމަ ޓެސްޓްތަކުން އޭނާގެ ހިތުގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ފާހަގަކުރެވި، މިހާރު ނިންމާފައިވަނީ ހާލަތު އެންމެ ފުރިހަމަ އަށް ދެނެގަންނަން ހިތުގެ ޓެސްޓްތަކެއް ހެދުމަށެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ. މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލަ އަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަގުއޭރޯ ފުރަތަމަ ފަހަރަށް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އަލަވޭސް މެޗެވެ.