ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓު


ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޓު އޮފީހުން ވިދާޅުވީ ދެކުނުގެ ބައެއް ހިސާބުތަކަށް ވައި މަޑުވެފައިވާކަމަށެެވެ. އެހެންނަމަވެސް މިހަފްތާއަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޢާއްމުގޮތެއްގައި މޫސުން ގޯސް ދުވަސް ވަރެއްކަމަށާއި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށްވެސް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.

ކަނޑު ގަދަވުމާއި ގުޅިގެން ކަނޑުމަތީގެ ޙާދިސާއެއް މިއަދުވަނީ ހިނގާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ގއ. ސަރަޙައްދުން ހިނގި މިޙާދިސާގައި އަލްމާ ބޯޓު ނަމަކަށް ކިޔާ ބޯޓެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިބޯޓު އޮތް ސަރަޙައްދަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑެއް ދަތުރުކޮށް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިބޯޓު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. އަދި މިބޯޓުން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޢާއްމުގޮތެއްގައި ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވީނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްކޮށް އުޅޭތީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.