ޚަބަރު

ޑިސެންބަރުގައި ލީބިޔާގައި އިންތިޚާބެއް ބޭއްވުމަށް އދން އަންގައިފި


ލީބިޔާގެ އިންތިޚާބާބެހޭ ޤާނޫނު އިޞްލާޙުކޮށް ޑިސެންބަރު މަހުގެ 24ވަނަ ދުވަހު އެ ޤައުމުގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބޭއްވުމަށް އދން އަންގައިފިއެވެ.

ލީބިޔާގައި ހުންނަ އދގެ އެންބަސީން ބުނީ ޞުލްޙައިގެ އެއްބަސްވުންތަކާ އެއް ގޮތަށް ޑިސެންބަރު މަހުގެ 24ވަނަ ދުވަހު އެ ޤައުމުގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބޭއްވުމަކީ އެ ޤައުމުގައި ޞުލްޙަ ޤާއިމުކޮށް ދެމެހެއްޓުމަށް މުޙިއްމުކަމެއްކަމަށެވެ. އަދި އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ލީބިޔާ ބަލައިގަތުމަށް އެލޭނެ މުޙިއްމު ފިޔަވަޅެއްކަމަށްވެސް އދންވަނީ ބުނެފައެވެ.

2011ވަނަ އަހަރުގެ ތެރޭގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އެހީތެރިކަމާއެކު ކާނަލް މުޣައްމަރުލް ޣައްޒާފީގެ ވެރިކަން ވައްޓާލުމުން ލީބިޔާގައިވަނީ ދާޚިލީ ހަނގުރާމައެއް ފެށިފައެވެ. ލީބިޔާގެ އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓާލައި އެ ޤައުމުގައި ސަރުކާރެއް އެކުލަވާލުމަށް އިންތިޚާބެއް ބޭއްވުމަށް އދން މަސައްކަތްކުރި ނަމަވެސް އިންތިޚާބެއް ބާއްވާނެ އުޞޫލުތަކާމެދު އެއްބަސްވެފައެއް ނުވެއެވެ.