ކުޅިވަރު

ގަދަ އަށެއްގައި ލިވަޕޫލާއި ލެސްޓާގެ ކުރިމަތިލުމެއް


އިނގިރޭސި ލީގުކަޕުގައި ގަދަ 8 ލިވަޕޫލާއި ލެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.

އިއްޔެ ނެގި ގަދައަށެއްގެ ގުރުއަތުލުމުގައި މުބާރާތް 8 ފަހަރު ކާމކިޔާބުކޮށްފައިވާ ލިވަޕޫލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ލިވަޕޫލުން މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދީ ޕްރެސްޓަން ބަލިކޮށްގެންނެވެ. މުބާރާތުގެ އެންމެފަހުގެ ހަތަރު އަހަރު ތަށި ހޯދި މެންޗެސްޓާ ސިޓީ ބަލިކޮށް ގަދަ 8 ގެ ޖާގަ ޔަގީން ކުރި ވެސްޓްހަމް ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. މިވަގުތު އިނގިރޭސި ކުލަބުތަކަށް ބަލާއިރު ފޯމު ދަމަހައްޓަމުން އަންނަ ވެސްޓަހޭމް ލީގުގައި އޮތީ ގަދަހަތަރެއްގެ ތެރޭގައިއެވެ.

މި ބުރުގައި ޕްރިމިއާ ލީގުން ބޭރު ޓީމެއްގެ ގޮތުގައި ވާދަކުރަނީ އީއެފްއެލްގައި ކުޅޭ ސަންޑަލޭންޑެވެ. ސަންޑްލޭން މުބާރާތުގެ ކުއާޓާފައިނަލުގައި ވާދަކުރާނީ އެމްރީޓެސް ދަނޑުގައި އާސެނަލްއާއެވެ. ގަދަ 8ގައި ޗެލްސީ ރަށުން ބޭރުގައި ނުކުންނީ ބެރެންފޯޑާ ދެކޮޅަށެވެ.

މުބާރާތުގައި ކުއާޓާފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ.