ވިޔަފާރި

ޤައުމީ ޝިޕިންގ ކުންފުނީގެ ފުރަތަމަ ކޮންޓެއިނަރ ބޯޓު ގެނެސްފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ގަނެފައިވާ ފުރަތަމަ \ކޮންޓެއިނަރ ބޯޓު ރާއްޖެ ގެނެސްފިއެވެ.

މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެސްޓީއޯއިން އިސްވެ މިދިޔަ އަހަރު އުފެއްދި ޤައުމީ ޝިޕިންގ ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިންގ މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށެވެ. އަދި މި ބޯޓުގެ ކުރޫއިންގެ 99 އިންސައްތައަށް ވާނީ ދިވެހިންކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެސްޓީއޯއިން ވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށްވެސް އިއުލާނުކޮށްފައެވެ.

އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދެއެވެ. އެ ދަތުރުތަކުގައި އެކުންފުނިން ބޭނުންކުރަމުންދަނީ ޗާޓަރުކޮށްގެން ގެންނަ ބޯޓުތަކެވެ. އެގޮތުން ގެނައި ފުރަތަމަ ބޯޓް ގެނެސްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.