ޚަބަރު

ކިޝީޑާގެ މޭސްތިރިކަމުގެ ދަށުން އެލްޑީޕީން ޢާއްމު އިންތިޚާބަށް


ޖަޕާނުގެ ޢާއްމު އިންތިޚާބުގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީއަށް އޮންނަ ތާޢީދު ދަށަށްދާނެކަމަށް ބެލެވިއްޖެއެވެ.

ޖަޕާނުގެ ޢާއްމު އިންތިޚާބުގެ ކުރިން އެލްޑީޕީންވަނީ ބޮޑުވަޒީރުގެ މަޤާމަށް ފުމިޔޯ ކިޝީޑާ ޢައްޔަންކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ޖަޕާނުގެ އިޤްތިޞާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކިޝީޑާގެ މޭސްތިރިކަމުގެ ދަށުން އެލްޑީޕީން އިންތިޚާބު ކާމިޔާބުކުރި ނަމަވެސް ކުރީގެ އިންތިޚާބުތަކުގައި ލިބުނުފަދަ ކާމިޔާބެއް ލިބޭނެކަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ނުދައްކައެވެ.

ޖަޕާނުގެ ވެރިކަންކުރާ އެލްޑީޕީއަށް އެންމެ ފަހުން ބޭއްވި އިންތިޚާބުން ލިބިފައިވަނީ 465 ގޮނޑީގެ ތެރެއިން 276 ގޮނޑިއެވެ. އަދި އެ އެލްޑީޕީއާ އިއްތިޙާދުވެފައިވާ ކޮމައިތޯ ޕާޓީއަށް ލިބިފައިވަނީ 29 ގޮނޑިއެވެ. ނަމަވެސް ވޯޓުލާ އާބާދީގެ 40 އިންސައްތަ މީހުން ވޯޓުދޭނެ ވަކި ގޮތެއް ނިންމާފައިނުވުމުން ކުރިން ހޯދި ޢަދަދަށް އެލްޑީޕީއަށް ގޮނޑި ލިބޭނެކަން ޔަޤީންނެއް ނޫނެވެ.

ފާއިތުވި 66 އަހަރުގެ ތެރޭގައި ޖަޕާނުގައި ވެރިކަންކޮށްފައިވަނީ އެލްޑީޕީންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ޕާޓީއަށް ވެރިކަން ގެއްލިފައިވަނީ އެންމެ ފަހަރަކު އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން ޔޮޝިހިޑެ ސުގާ އިސްތިޢުފާ ދެއްވުމުން ކިޝީޑާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ.