ޚަބަރު

ސަޢުދީ ޢަރަބިއްޔާއާއި ބަޙްރައިނުން ލުބުނާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި


ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅޭގޮތުން ލުބުނާނުގެ ވަޒީރެއް ވާހަކަފުޅު ދެއްކެވުމުން ސަޢުދީ ޢަރަބިއްޔާއާއި ބަޙްރައިނުން ހިތްހަމަނުޖެހިއްޖެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ފެށުނު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ސުންނީ ސަރުކާރަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެވަނީ އަސްކަރީ އިއްރިޙާދެއް އުފައްދައިފައެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ އިއްތިޙާދުންވަނީ ޔަމަނުގެ އިދިކޮޅު ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުގެ މަދަދާއެކު ޙޫޘީންވަނީ ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ޑުރޯން ބޭނުންކޮށްގެން ޙަމަލާދީފައެވެ.

ލުބުނާނުގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމާ ބައެއް ޢަރަބި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރީ ޙޫޘީންނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ލުބުނާނުގެ މަޢުލޫމާތާބެހޭ ވަޒީރު ޖުރުޖު ޤުރުދާޙީ ވާހަކަފުޅުދައްކަވައި ވީޑިޔޯއެއް ޢާއްމުވުމުންނެވެ. އެ ވީޑިޔޯގައި ޤުރުދާޙީ ވިދާޅުވެފައިވަނީ ޙޫޘީން ހަނގުރާމަކުރަނީ ޤައުމުގެ ދިފާޢުގައިކަމަށާއި ޢަރަބި އިއްތިޙާދުން ޔަމަނަށް ދެމުންދާ ޙަމަލާތައް ހުއްޓާލަން ޖެހޭކަމަށެވެ. އެ ވީޑިޔޯ ޢާއްމުވެ މަޞްލަޙަތު ގޯސްވުމުން ޤުރުދާޙީ ވިދާޅުވީ އެއީ އެއް މަސްދުވަސް ކުރިން އޭނާ ދެއްކެވި ވާހަކަތަކެއްކަމަށާއި އޭރު އޭނާ ވަޒީރުކަމާ ޙަވާލުވެވަޑައިނުގަންނަވައިކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގައި ހުންނެވި ލުބުނާނުގެ ސަފީރު ފޮނުވާލަން ނިންމާފައިވާކަމަށާއި ލުބުނާނުގައި ހުރި ސަޢުދީ ޢަރަބިއްޔާގެ ސަފީރު އަނބުރާ ޤައުމަށް ގެންނަން ނިންމާފައިވާކަމަށެވެ. އަދި ލުބުނާނަށް ދަތުރުނުކުރަން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ ރައްޔިތުންނަށް އަންގައިފައެވެ. އޭގެ އިތުރުން ލުބުނާނުގެ އެއްވެސް މުދަލެއް ސަޢުދީ ޢަރަބިއްޔާއަށް އެތެރެނުކުރުމަށްވެސް އެ ޤައުމުންވަނީ ނިންމައިފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ނިންމުންތައް ޢާއްމުކުރުމާއެކު ބަޙްރައިނުންވެސްވަނީ އެ ގޮތަށް ޢަމަލުކުރާނެކަމަށް އިޢުލާންކޮށްފައެވެ. އޭގެ އިތުރުން ޔޫއޭއީއާއި ކުވައިތުންވެސްވަނީ އެ ޤައުމުތަކުން ލުބުނާނަށް ކަނޑައަޅާފައިވާ ސަފީރުން އަނބުރާ ގެނައުމަށް ނިންމައިފައެވެ. އަދި އެ ޤައުމުތަކުގެ އިތުރުން ޤަޠަރާއި ޢުއްމާންވެސް ހިމެނޭ ގަލްފުގެ ޤައުމުތަކުގެ ޖަމުޢިއްޔާކަމަށްވާ ޖީސީސީންވަނީ ޤުރުދާޙީގެ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ގަލްފުގައި ހިމެނޭ ޢަރަބި ޤައުމުތަކުގެ ނިންމުންތަކާ ގުޅިގެން ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ ޤުރުދާޙީގެ ވާހަކަތަކަކީ އެ ޤައުމުން ވިސްނާ ގޮތް ނޫންކަމަށާއި ޢަރަބި ޤައުމުތަކުގެ ނިންމުންތަކާމެދު ހިތާމަކުރާކަމަށެވެ.