ޚަބަރު

މައްސަލަތައް ބެލުމުގައި ޒާތީއެއް ނުވަން - އެޗްއާރްސީއެމް


އެޗްއާރްސީއެމްއަށް ހުށައެޅޭ އެއްވެސް މައްސަލައެއް ތަޙުގީގުކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމުން މިހެން ވިދާޅުވެފައިމިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޒާތީކަމެއްގައިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

2017ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ޙާދިސާއަކާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން" އެޗްއާރްސީއެމްއަށް ހުށައަޅާފައިވަނީ ޖެންޑަރ މިނިސްޓްރީން އެއަހަރު މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ހިންގި ޙަރަކާތުގައި ހިޔާގައި ތިބި ކުދިންނާ ހަޑިހުތުރުބަހުން މުޢާމަލާތުކޮށްފައިވާކަމަށާއި ބައެއް ކުދިން ބިޑިއަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމުގެ ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ.

އެހެންކަމުން މިމައްސަލަ ބެލުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމަތް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެފަދަކަމެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގައިވާނަމަ ފިޔަވަޅު އެޅުމާއި އެފަދަކަންކަމުން ކުދިން ޙިމާޔަތްކުރުމުގެ ފުރިހަމަ ބާރު އެކޮމިޝަނަށް ލިބިދީފައިވާކަމަށެވެ. އަދި މިކަންކަން ކުރުމުގައި އެއްވެސް ފަރާތަކާއި ޒާތީ ނުވާނެކަމަށާ އެކޮމިޝަނުން ކުރަމުން އަންނަނީ ޤާނޫނުން ކޮމިޝަނާއި މަތިކޮށްފައިވާ ޒިންމާތައް ކަމަށެވެ. އެޗްއާރްސީއެމުން ވިދާޅުވީ ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައި ހުންނަ ހެކީގެ މައްޗަށް ބުރަވެ އިންސާފުންކަމަށެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވިދާޅުވީ މިމައްސަލައާ ގުޅިގެން މީޑިއާތަކުން އެދިގެން ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މަޢުލޫމާތެއް ހާމަކޮށްފައިނުވާނެކަމަށެވެ. ކޮމިޝަނުން މިހެން ވިދާޅުވެފައިވާއިރު ގިނަ މީޑިއާތަކަކުންވަނީ އެކޮމިޝަނާ ޙަވާލާދީ ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

2017ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ޙަރަކާތެއްގައި ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެ ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށްވަނީ ފޮނުވާފައެވެ. ޕީޖީ އޮފީހުންވެސް މިމައްސަލައިގައިހިމެނޭ އެންމެންގެ މަޢުލޫމާތު ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް އަންނަ ހަފްތާގައި މިމައްސަލަގައި ގޮތެއް ނިންމަވާނެކަމަށް އެޗްއާރްސީއެމުންވަނީ މީގެކުރިން ވިދާޅުވެފައެވެ.