ޚަބަރު

ސޫދާނުގެ ބަޣާވާތް ނިމުމަކަށް ގެނައުމަށް އދން ގޮވާލައިފި


ސޫދާނުގައި ބަޣާވާތްކޮށް އެ ޤައުމުގައި ޤާއިމުކޮށްފައިވާ އަސްކަރީވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންނާ ވެރިކަން ޙަވާލުކުރުމަށް އދން ގޮވާލައިފިއެވެ.

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކާއި ސަރުކާރުގެ އިސްވެރިން ބަންދުކޮށްފައެވެ. އެއާއެކު ސޫދާނުގެ އަސްކަރިއްޔާއާ ދެކޮޅަށް އެ ޤައުމުގެ ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. އެ މުޒާހަރާތައް ރޫޅާލުމަށް ސޫދާނުގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން 10 މީހުން މަރުވެ، 140 މީހުންވަނީ ޒަޚަމުވެފައެވެ.

ސޫދާނުގައި ކުރި ބަޣާވާތަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޖެނެރަލް ބުރުހާން ވިދާޅުވެފައިވަނީ ސަރުކާރު އުވާލައި ސިޔާސީވެރިން އެކަހެރިކުރަން މަޖުބޫރުވީ އަސްކަރިއްޔާއާ ދެކޮޅަށް ރުޅިވެރިކަން އުފައްދައި ފިތުނަ އުފައްދަން މަސައްކަތްކުރުމުންކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ޤައުމުގެ ތާޢީދާއެކު ނެރުނު ބަޔާނެއްގައި ގޮވާލާފައިވަނީ އަސްކަރިއްޔާއިން އަނިޔާވެރިކަން އިސްނުކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށެވެ. އަދި ބަޣާވާތް ނިމުމަކަށް ގެނެސް ދިމީޤްރާޠީ ނިޒާމެއް ޤާއިމުކޮށް ރައްޔިތުންނާ ވެރިކަން ޙަވާލުކުރުމަށްވެސް އެ ބަޔާނުގައި ގޮވާލައިފައިވެއެވެ. އިނގިރޭސިވިލާތުން ހުށަހެޅި ބަޔާން ޢާއްމުކޮށްފައިވަނީ ޗައިނާއާއި ރަޝިޔާއިން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ. އެ ގޮތުން އެ ބަޔާނުގައި އަސްކަރީ ބަޣާވާތް ކުށްވެރިކޮށްފައެއް ނުވެއެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.