ޚަބަރު

އާސިޔާނުގެ ބައްދަލުވުމުގައި މިޔަންމާއާ ދެކޮޅަށް ނިންމުމެއް ނުނިންމާ


އަސްކަރީވެރިކަމެއްގެ ދަށުގައި އޮތް މިޔަންމާއާ ދެކޮޅަށް އެއްވެސް ނިންމުމެއް ނުނިންމާ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނިންމާލައިފިއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތުގެ މޭސްތިރިޔާކަމަށްވާ މިން އައުންގް ހިޔަންގަށް ދަޢުވަތު ނުފޮނުވަން ނިންމާފައިވަނީ އާސިޔާންގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. ޤައުމުތަކުގެ ދާޚިލީ މައްސަލަތަކާ ޢާއްމު ގޮތެއްގައި ނުބެހޭ އާސިޔާނުން ނިންމާފައިވަނީ ސިޔާސީ ވިސްނުން ނުގެންގުޅުއްވާ ބޭފުޅަކަށް އެ ދަޢުވަތު ދިނުމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޢާއްމުންގެ މަންދޫބަކަށް ދަޢުވަތު ދިން ނަމަވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ.

ވީޑިޔޯ މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ބޭއްވި އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ބުރޫނާއީގެ ރަސްގެފާން ޙަސަނުލް ބުލްޤިޔާ ވިދާޅުވީ މިޔަންމާއަކީ އެ ޖަމުޢިއްޔާގެ މުޙިއްމު ބައިވެރިއެއްކަމަށާއި އާސިޔާނުގައި އޮތް މިޔަންމާގެ މެންބަރުކަމާމެދު އެ ޖަމުޢިއްޔާއިން އެއްވެސް ސުވާލެއް ނުއުފައްދާކަމަށެވެ. އަދި އާސިޔާނުން އަބަދުވެސް މިޔަންމާއަށް އެއްބާރުލުން ދޭނެކަމަށާއި މިޔަންމާގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެ ޖަމުޢިއްޔާއިން އެހީތެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ ޙާލަތު ދެނެގަތުމަށް އާސިޔާނުންވަނީ ޚާއްޞަ މަންދޫބެއް ކަނޑައަޅައިފައެވެ. ނަމަވެސް ބަންދުގައި ހުންނެވި މިޔަންމާގެ ކުރީގެ އިސްވެރިޔާ އަން ސަން ސޫ ކީއާ ބައްދަލުކުރެއްވުމަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ފުރުޞަތު ނުދޭތީ އާސިޔާނުގެ މަންދޫބު އެ ޤައުމަށް ވަޑައިގެންފައެއް ނުވެއެވެ.