ކުޅިވަރު

ނަޕޯލީ އިޓާލިއަން ސެރިއާގެ އެއްވަނައަށް


އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ ބަލިކޮށް ނަޕޯލީ ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ނަޕޯލީ މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ނޭޕްލްސްގެ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނަޕޯލީއަށް ލީޑު ނަގައިިދިނީ މެޗުގެ 19 މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ފަބިއާން ރުއީޒެވެ. މެޗުގެ 41 ވަނަ މިނިޓްގައި އިންސީނިއޭ ވަނީ ޕެނަލްޓީ އަކުން ނަޕޯލީގެ ލީޑުފުޅާކޮށްދީފައެވެ. މެޗުގެ 62 ވަނަ މިނިޓްގައި ބޮލޯނިއާ ކުޅުންތެރިއަކު އޭރިއާތެރެއިން އޮސީމެންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް އިންސީނިއޭ ވަނީ ނަޕޯލީގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

ރޭގެ މެޗަށް ނަޕޯލީ ނިކުތްއިރު އެ ޓީމު ދެ ވަނައިގައި އޮތީ މި ހަފްތާގައި އޭސީ މިލާން ކުޅުނު މެޗުން މޮޅުވެފައި އޮތުމުންނެވެ. ރޭގެ ނަތީޖާއަށް ފަހު ނަޕޯލީ އާއި މިލާނަށް ވެސް ލިބިފައިވަނީ 10 މެޗުން 28 ޕޮއިންޓެވެ. ނަޕޯލީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.