ޚަބަރު

އިތުރު 128މީހުން މިއަދު ޕޮޒިޓިވް، ފަރުވާ ހޯދާމީހުންގެ ޢަދަދު 1700އަށް


ރާއްޖެއިން އިތުރު 128 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯދާ މީހުންގެ އަދަދު 1700އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 128 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 35 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 66 މީހުންނެވެ. އަދި ރިސޯޓްތަކުން 27 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ކޯވިޑް ކޭސްތައް، ޚާއްސަކޮށް ރަށްރަށުން ރިޕޯޓްކުރާ ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމާއެކު، މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު 1100 އަށް ދަށްވި އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 1700އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 29 މީހަކަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 78 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،531 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3731 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.