ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން 3،000 ގެ އަޅަން ނިންމައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 3،000 ގެ އަޅަން ނިންމި ނިންމުން ފަލަސްޠީނުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އެންމެ ފުރަތަމަ އެޅުމަށް ނިންމީ 1,344 ގެއެވެ. ނަމަވެސް އެ ޢަދަދަށް ބަދަލުތަކެއް ގެނެސް އެންމެ ފުރަތަމަ އަޅަން ނިންމި ޢަދަދަށް 1،800 ގެ އިތުރުކޮށް ޖުމުލަ 3،144 ގެ އެޅުމަށްވަނީ ނިންމައިފައެވެ. އިސްރާއީލުގެ ނިންމުން އައިސްފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު ގެދޮރު ނޭޅުމަށް އެމެރިކާގެ ސަރުކާރުން އަންގައިފައިވާ ދަނޑިވަޅެއްގައެވެ.

2020ވަނަ އަހަރުގެ ތެރޭގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 12،000 ގެ އަޅައިފައެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްސާއި ޣައްޒާއަކީ މުސްތަޤްބަލުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ ފަލަސްޠީނުގެ މިނިވަން ދަޢުލަތުގައި ހިމެނޭ ސަރަޙައްދުތަކެވެ. ޔަހޫދީންވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ ގިނަ ސަރަޙައްދުތަކެއް އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ނިންމުންތަކެއް ނޫނެވެ.