ޚަބަރު

ނިޔުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެއް އިންޑިޔާއިން ތަޖުރިބާކޮށްފި


ނިޔުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެއް އިންޑިޔާއިން ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފިއެވެ.

ދުވަސްތަކަކަށްފަހު އިންޑިޔާއިން ތަޖުރިބާކޮށްފައިވަނީ އެއް ބަރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެކެވެ. އިންޑިޔާގެ ސަރުކާރުން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުން ތަޖުރިބާކޮށްފައިވަނީ 5،000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެއްކަމަށެވެ.

އަގުނީ-5ގެ ނަން ދީފައިވާ މިސައިލް އުދުއްސާލާފައިވަނީ އިންޑިޔާގެ އިރުމަތީގައި ވަކިން އޮންނަ ރަށަކުންނެވެ. އަދި އެ މިސައިލް ވެއްޓިފައިވަނީ ބޭ އޮފް ބެންގޯލަށެވެ. ބެލެވޭ ގޮތުގައި އަގުނީ-5އަކީ ވާދަވެރި ޗައިނާގެ ހުރިހާ ސަރަޙައްދަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ. އޭގެ އިތުރުން އިންޑިޔާއިންވަނީ ޕާކިސްތާނުގެ ކޮންމެ ސަރަޙައްދަކަށްވެސް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލުތަކެއް މީގެ ކުރިން އުފައްދާފައިވެއެވެ.

ދުވަސްތަކަކަށްފަހު ނިޔުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެއް އިންޑިޔާއިން ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވަނީ ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލަތައް އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިޔާއާއި ޗައިނާއާއި ޕާކިސްތާނަކީވެސް ނިޔުކްލިޔަރ ހަތިޔާރު އުފައްދާފައިވާ ތިން ޤައުމެވެ.