ކުޅިވަރު

އިނގިރޭސި ލީގުކަޕުގެ ކުއާޓާފައިނަލަށް ލެސްޓާ


އިނގިރޭސި ލީގުކަޕުގެ ކުއާޓާ ފައިނަލުން ލެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ. ލެސްޓާ ސިޓީ ކުއާޓާފައިނަލުން ޖާގަ ހޯދީ ބްރައިޓަންއާ ދެކޮޅަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 4-2 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ކުރީކޮޅު ހާވޭ ބާނެސް ކާމިޔާބު ކުރި ލަނޑުން ލެސްޓާ ސިޓީން ލީޑު ނެގިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރައިޓަންގެ އެޑަމް ވެބްސްޓާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމޯލާ ލޫކްމަންއެވެ.

ބްރައިޓަން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ އެނޮކް ވެޕޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ވެޕޫ ޖެހި ޕެނެލްޓީ ލެސްޓާގެ ބަދަލު ކީޕަރު ޑެނީ ވާޑް ވަނީ ދިފާއުކޮށް ލެސްޓާ ސިޓީ ކުއާޓާފައިނަލަށް ގެންގޮސްދީފައެވެ. މުބާރާތުގެ ގަދަ އަށެއްގެ ގުރުއަތުގެ ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.