ޚަބަރު

ސޫދާނުގައި ބަޣާވާތްކުރީ ދާޚިލީ ހަނގުރާމައެއް ހުއްޓުވުމަށްކަމަށް ބުނެފި


ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސަރުކާރު އުވާލީ އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތުމުންކަމަށް އެ ޤައުމުގެ އަސްކަރީވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާން ވިދާޅުވެއްޖެއެވެ.

ސޫދާނުގައި ކުރި ބަޣާވާތަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޖެނެރަލް ބުރުހާން ވިދާޅުވީ ސަރުކާރު އުވާލައި ސިޔާސީވެރިން އެކަހެރިކުރަން މަޖުބޫރުވީ އަސްކަރިއްޔާއާ ދެކޮޅަށް ރުޅިވެރިކަން އުފައްދައި ފިތުނަ އުފައްދަން މަސައްކަތްކުރުމުންކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޫދާނުގެ އަސްކަރިއްޔާއިންވަނީ އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް ބަންދުކޮށްފައެވެ. ބުރުހާން ވިދާޅުވީ ހަމުދޫކް ބަންދުކުރީ އޭނާގެ އަމިއްލަ ސަލާމަތަށްކަމަށާއި އޭނާ ހުންނެވީ ސަލާމަތްތެރިކަމާއެކު އޭނާގެ އަމިއްލަ ގޭގައިކަމަށެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.