ޚަބަރު

އިތުރު ދެ އަހަރު ތުރުކީވިލާތުގެ ފައުޖުތައް ސޫރިޔާއާއި ޢިރާޤުގައި ތިބޭނެ


އިތުރު ދެ އަހަރުދުވަހު ތުރުކީވިލާތުގެ އަސްކަރީ ފައުޖުތައް ސޫރިޔާއާއި ޢިރާޤުގައި ތިބުމަށް ނިންމައިފިއެވެ.

ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރުމަށް ތުރުކީވިލާތުގެ ފައުޖުތައް ސޫރިޔާއާއި ޢިރާޤަށް ފޮނުވާފައިވަނީ 2013ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެ ސަރަޙައްދުތަކުގައި ތުރުކީވިލާތުގެ ފައުޖުތައް ތިބޭނެ މުއްދަތުވަނީ އަހަރުން އަހަރަށް އިތުރުކޮށްފައެވެ. ނަމަވެސް މީގެ ކުރިން ދެ އަހަރުދުވަހަށް މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ.

އައިއެސް ޖަމާޢަތުގެ ބާރު ސޫރިޔާއާއި ޢިރާޤުގައި ވަރަށް ބޮޑަށް ކުޑަވެފައިވާ ދަނޑިވަޅެއްގައި ތުރުކީވިލާތުގެ ފައުޖުތައް އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާނެ މުއްދަތު އިތުރުކުރީ ކުރުދީ ޖަމާޢަތްތަކާ ދެކޮޅަށް ހިންގައި އަސްކަރީ ޙަރަކާތްތައް ކުރިޔަށްގެންދިޔުމަށްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއާއެކު ތުރުކީވިލާތުގެ ފައުޖުތައް ސޫރިޔާއާއި ޢިރާޤުގައި ތިބޭނެ މުއްދަތު އިތުރުކުރުމަށް ތުރުކީވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި އެ ޤައުމުގެ އިދިކޮޅު މައި ޕާޓީން ވޯޓު ދީފައިވަނީ އެ ނިންމުމާ ދެކޮޅަށެވެ.

2016ވަނަ އަހަރުގެ ފަހުން ސޫރިޔާގެ އުތުރުގެ ބޮޑު ސަރަޙައްދެއް އޮތީ ތުރުކީވިލާތުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.