ޚަބަރު

އިޤްތިޞާދު ކުރިއެރުވުމުގައި ފޮރިން އިންވެސްޓްމަންޓްގެ ދައުރު ބޮޑު: ފައްޔާޒު


ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ފޮރިން އިންވެސްޓްމަންޓްގެ ދައުރު ބޮޑުކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކްސްޕޯ 2020ގައި ބޭއްވި މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ގައުމެއްކަމަށާއި ޕްރައިވެޓް ސެކްޓަރ ކުރިއަރުވަން ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރަން ސަރުކާރުން މަސައްކަތްކުރައްވާކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފޮރިން އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ބޮޑެތި މަޝްރޫޢުތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފަދަ ކަންތައްތައް ރާއްޖެއިން ނުކުރާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވިޔަފާރިތަކަށް ފަސޭޙަކުރެވޭނެގޮތަށް ޤާނޫނުތަކަށްވެސް ބަދަލުތައް ގެންނަމުންދާކަން މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި ބަދަލުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ޤާނޫނުތަކަށް ގެންނަ ބަދަލުތައް ގެނެވުމުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖެއާ މެދު އޮންނަ ޔަގީންކަން އިތުރުވެގެންދާނެކަމަށެވެ.

މިއަދު ކުރިއަށްދިޔަ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން ސަރުކާރުން ފަތުރުވެރިކަމަށް އަލަށް ހުޅުވާލާ ރިސޯޓްތައް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 18 ރަށެއް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އެކްސްޕޯގެ ތެރެއިން 3 ފޯރަމްއެއް ކުރިއަށްދާއިރު މި ފޯރަމްތަކުގެ ތެރެއިން ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ.

މައިގަނޑުގޮތެއްގައި ފޯރަމްތަކުގައި ވާހަކަދައްކާނީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ގުޅޭ އެކިއެކި މަޢުލޫމާތާއި ބެހޭގޮތުންނެވެ. އޭގެތެރޭގައި ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލުގައި މިވަގުތު ހުރި ފުރުސަތުތަކާއި އަލަށް ތައާރަފްކުރެވޭނެ ފުރުސަތުތަކާއި ގުޅޭ ވާހަކަތަކާއި، އިންވެސްޓްކުރުމުގައި ރާއްޖެއަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާއި މިގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި އެކުލަވާލައްވާ ސިޔާސަތުތަކުގެ ވާހަކަތައް ހިއްސާކުރައްވާނެއެވެ.