ޚަބަރު

ސަފީރުން ފޮނުވާލަން ނިންމި ނިންމުން ތުރުކީވިލާތުން ބަދަލުކޮށްފި


10 ޤައުމެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް އެ ޤައުމުގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާން ނިންމެވި ނިންމެވުމުން ބަދަލުކުރައްވައިފިއެވެ.

ގިނަ ޢަދަދެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ނިންމެވިކަން އިޢުލާންކުރައްވަމުން ޢުރުދުޣާން ވިދާޅުވީ އެ ޤައުމުތަކުގެ ސަފީރުން ފޮނުވާލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރަށް އަންގަވާފައިވާނެކަމަށެވެ. ގިނަ ޢަދަދެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ޢުރުދުޣާން ނިންމެވީ އެ ޤައުމުގައި ޙައްޔަރުކޮށްފައިވާ މޭސްތިރިއެއްކަމަށްވާ އުސްމާން ކަވާލާ މިނިވަންކުރުމަށް އެދުމުންނެވެ. ތުރުކީވިލާތުން ކަވާލާ ޙައްޔަރުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުޙްމަތުތަކުގެ ތެރޭގައި 2013ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުރި މުޒާހަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި 2016ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި އަސްކަރީ ބަޣާވާތުގައި ބައިވެރިވުން ހިމެނެއެވެ. ނަމަވެސް އެ ތުޙްމަތުތަކަށް އޭނާވަނީ އިންކާރުކޮށްފައެވެ.

ސަފީރުން ފޮނުވާލުމަށް ތުރުކީވިލާތުން ނިންމުމުން އެ ޤައުމުތަކުންވަނީ އދގެ ޤަވާއިދުތަކާ އެއްގޮތަށް އެ ޢަމުރު ތަންފީޒުކުރާނެކަމަށް ބުނެފައެވެ. ނަމަވެސް ޢުރުދުޣާނުގެ ނިންމެވުން ބަދަލުކުރައްވައި އޭނާ ވިދާޅުވީ ތުރުކީވިލާތާ ދެކޮޅަށް ވާހަކަދެއްކުން އެ ޤައުމުތަކުގެ ސަފީރުން ހުއްޓާލަން ނިންމާފައިވާކަމަށެވެ. އެހެންކަމުން ސަފީރުން ފޮނުވާލަން ނިންމެވި ނިންމެވުން ބަދަލުކުރެއްވީކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުން ފޮނުވާލަން ނިންމި 10 ސަފީރުންގެ ތެރޭގައި ހިމެނެނީ ވިލާތުގެ ޤައުމުތަކަށް ނިޞްބަތްވާ ސަފީރުންނެވެ. އޭގެ ތެރޭގައި ތުރުކީވިލާތްވެސް ހިމެނޭ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ހަތް ޤައުމަކަށް ނިޞްބަތްވާ ސަފީރުންވެސް ހިމެނެއެވެ. ފަރަންސޭސިވިލާތަށް އުފަން ކަވާލާ މިނިވަންކުރުމަށް ގޮވާލާފައިވަނީ އެމެރިކާއާއި ޖަރުމަންވިލާތާއި ފަރަންސޭސިވިލާތާއި ނެދަލޭންޑްސާއި ކެނެޑާއާއި ޑެންމާކާއި ފިންލޭންޑާއި ނޯވޭއާއި ސުވިޑަންނާއި ނިޔު ޒީލޭންޑުގެ ސަފީރުންނެވެ.