ޚަބަރު

4 އަހަރު ފަހުން މިޞްރުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި


2017ވަނަ އަހަރު މިޞްރުގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު އެ ޤައުމުގެ ސަރުކާރުން އުވާލައިފިއެވެ.

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ކުރެއްވީ 2017ވަނަ އަހަރުގެ އޭޕުރިލް މަހުގެ ތެރޭގައި ނަޞާރާއިންގެ ދެ ފައްޅިއަކަށް އައިއެސް ޖަމާޢަތުން ދިން ޙަމަލާތަކަށް ފަހުއެވެ. އެ ޙަމަލާތަކުގައި 47 މީހުން މަރުވެ 126 މީހުން ޒަޚަމުވިއެވެ.

ފޭސްބުކް މެދުވެރިކޮށް ސީސީ ވިދާޅުވީ މިޞްރުގެ ވަފާތެރި ރައްޔިތުން ކުރި ބުރަ މަސައްކަތުން އެ ޤައުމުގައި އަނެއްކާވެސް ހަމަޖެހުން ޤާއިމުކުރެވިފައިވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުނުކުރެއްވުމަށް ނިންމި ސަބަބަކީ އެއީކަމަށްވެސް ސީސީވަނީ ވިދާޅުވެފައެވެ.

މިޞްރުގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އެ ޤައުމުގެ ސަލާމަތީ ބާރުތަކުންވަނީ ކޯޓު ޢަމުރަކާ ނުލައި ގިނަ ޢަދަދެއްގެ ބަޔަކު ޙައްޔަރުކޮށް ޢާއްމުންގެ ގެދޮރު ބަލައި ފާސްކޮށްފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަންވަނީ ހިފަހައްޓައިފައެވެ. މިޞްރުގެ އިދިކޮޅު ފަރާތްތަކުންނާއި ޙައްޤުތައް ކަށަވަރުކުރުމަށް ގޮވާލައި ޖަމުޢިއްޔާތަކުން ތުޙްމަތުކުރާ ގޮތުގައި އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ ސަރުކާރާ ދެކޮޅު ފަރާތްތައް ހޯދައި ޙައްޔަރުކުރުމުގެ ބޭނުމުގައެވެ.