ކުޅިވަރު

ނޭޕާލް ބަލިކޮށް އިރާނުން ފެށުން ރަނގަޅުކޮށްފި


އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ނޭޕާލް ބަލިކޮށް އިރާނުން ފެށުން ރަނގަޅުކޮށްފިއެވެ.

ތަޖަކިސްތާންގެ ދުޝެންބްގައި ކުރިޔަށްދާ ގުރޫޕް ބީގެ ކޮލިފައިންގައި އިރާން ކުރި ހޯދީ ނޭޕާލާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ފުރަތަމަ ހާފްގެ 17ވަނަ މިނިޓުގައި އިރާނަށް ލިބުނު ޕެނެލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ނިމިގެންދިޔަ ސާފްޗެމްޕިއަންޝިޕްގައި ކުޅުނު ތިން ކުޅުންތެރިން ނޭޕާލުގެ ފުރަތަމަ 11ގައި ހިމެނުނުއިރު މެޗުގެ ނަތީޖާ އިރާނުން ބަދަލުކޮށްލީ ދެވަނަ ހާފްގައި ޖެހި ލަނޑުތަކުންނެވެ.

ސީނީޔާ ފުޓްބޯޅަ ޓީމުތަކުގެ ތެރެއިން އޭޝިޔާ ރޭންކިންގެ އެއްވަނައިގައި އޮތް އިރާން 2022 ވަނަ އަހަރު އުޒެބެކިސްތާން އޮންނަ 23 އަހަރުން ދަށުގެ އޭޝިޔަން ކަޕަށް މި ގުރޫޕުން ކޮލިފައިވާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމަކީވެސް އީރާނެވެ. 2016 ވަނައަހަރު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރު އިރާނުގެ އިތުރުން ދެން މި ގުރޫޕްގައި ހިމެނެނީ ތަޖަކިސްތާނާއި، ލުބުނާނާއި ނޭޕާލެވެ.

އިއްޔެ މި ގުރޫޕްގައި ތަޖަކިސްތާނުން ވަނީ ލުބްނާނާ ވާދަކޮށް 1-0 ލަނޑުން އުނދަގޫ މޮޅެއް ހޯދާފައެވެ.