ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ ޙަމަލާތަކުން ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް


ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ސުންނީ ސަރުކާރަށް ވާގިވެރިވުމަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުން ދިން ވަރުގަދަ ޙަމަލާތަކެއްގައި އެ ޤައުމުގެ އިދިކޮޅު ޙޫޘީ ޖަމާޢަތަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދަނީ މާރިބު ހިމެނޭ ސަރަޙައްދުގައެވެ. މާރިބަކީ ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި މައި ރަށެވެ. އެ ސަރަޙައްދަށް ޢަރަބި އަސްކަރީ އިއްތިޙާދުން ދިން ޙަމަލާތަކުގައި ޙޫޘީންގެ 260އަށްވުރެ ގިނަ ހަނގުރާމަވެރިންވަނީ މަރުވެފައެވެ.

ޙޫޘީންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ކާމިޔާބުކުރާނީ ޙޫޘީންކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދުންވަނީ އެ ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.