ކުޅިވަރު

ޕާކިސްތާނުން ފުރަތަމަ ފަހަރަށް އިންޑިޔާ ބަލިކޮށްފި


ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އަތުން ދިހަ ވިކެޓުގެ ބޮޑު ތަފާތަކުން ޕާކިސްތާން މޮޅުވެއްޖެއެވެ.

ދުބާއީގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އަރައި، އިންޑިއާއަށް ވިހި އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް ހެދުނީ 151 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، ޕާކިސްތާނުން 17.5 އޯވަރުގެ ތެރޭގައި 152 ލަނޑު ހަދައި، މެޗު ކާމިޔާބުކުރީ އެންމެ ކުޅުންތެރިއެއް ވެސް ނުބައި ނުވެއެވެ. ޕާކިސްތާނަށް މި ތާރީޚީ ކާމިޔާބީ ހޯދައިދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އެ ޓީމުގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ މުޙައްމަދު ރިޒުވާނާއި، ބާބަރް އާޒަމެވެ. ރިޒުވާން ވަނީ 55 ބޯޅައިން 78 ލަނޑު ހަދާފައެވެ. ޕާކިސްތާނުގެ ކެޕްޓަން ބާބަރް ވަނީ 52 ބޯޅައިން 68 ލަނޑު ހަދާފައެވެ. އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ވަނީ މެޗުގައި 57 ލަނޑު ހަދާފައެވެ.

ޕާކިސްތާނުގެ ފާސްޓް ބޯލަރ ޝަހީން އަފްރީދީ ވަނީ 31 ލަނޑަށް އިންޑިއާގެ ތިން ކުޅުންތެރިން ނުބައިކޮށްފައެވެ. މިއީ ވޯލްޑް ކަޕެއްގައި، އިންޑިއާ އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ ފަހަރެވެ.