ޚަބަރު

" މަޙްމޫދު މަރާލީ ބިދޭސީ މީހާ، އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް"


މިމަހުގެ 14ވަނަދުވަހު އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލީ އެރަށުގައި ދިރިއުޅޭ ދިރިއުޅޭ ބަންގްލަދޭޝް މީހެއްކަމަށްވާ ޝާ އަލޮމް މިއާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 16ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ދަނގެތީގައި އުޅޭ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޢުމުރުން 29 އަހަރުގެ ޝާ އަލޮމް މިއާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ޝާ އަލޮމް މިއާގެ ބަންދަށް ދަނގެތި މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާކަމަށާ، މިމައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން، އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު މަރާލައި ފަޅު ވަޅެއްގެ ތެރެއަށް އެއްލާލާފަ އޮއްވާ ފެނުނީ، އޭނާ ގެއްލިގެން ހޯދަމުންދަނިކޮށެވެ. މިމަހުގެ 13ވަނަ ދުވަހުގެ ރެއިއްސުރެ އޭނާގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް ފެނުނީ 14ވަނަދުވަހުގެ މެންދުރު 02:45 ހާއިރުއެވެ.

މަޙުމޫދުގެ އެންމެ ފަހުން ފެނިފަވަނީ އޭނާ ރަށުގައި ހިންގާ ކެފޭ "މޮނަލާޒް"އިން ނުކުމެގެންދަނިކޮށް މިމަހުގެ 13ވަނަ ދުވަހުގެރޭ 11 ޖަހާ އެހައިކަންހާއިރުއެވެ. މަޙްމޫދަކީ ކޭފޭ ހިންގުމުގެ އިތުރުން ގޭހާއި ކާޑުގެ ބާވަތްތައްވެސް ރަށަށް އެތެރެކޮށް ވިއްކުމުގެ މަސައްކަތްކުރާ ވިޔަފާރިވެރިއެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ޑައިވިން ދެ ދޯނިވެސް މަޙްމޫދުގެ އަތުގައި އޮވެއެވެ. އެކި ގޮތްގޮތުން އޭނާގެ އެހީތެރިކަން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބެއެވެ. އިޖުތިމާޢީ ކަންކަމުގަވެސް ދީލަތިކަމާއެކު ރަށާއި ރައްޔިތުންނަށް އޭނާ އެހީތެރިވެއެވެ.

މަޙުމޫދަކީ 5 ކުދިންގެ ބައްޕައެވެ. އޭނާގެ އަންހެން ކުއްޖަކާއި 4 ފިރިހެންކުދިން ދުނިޔޭގައި އެބަތިއްބެވެ. ކާފަކިޔާ ކުދިންވެސް ތިބެއެވެ.

މަޙުމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 15ވަނަދުވަހުގެ އަސުރު ނަމާދަށްފަހު ދަނގެތީގައެވެ.

ކިޔުންތެރި އެއް

އަޖައިބު އަދިވެސް ތިޔަ ބިދޭސީ މީހާ މަޙުމޫދު ދުނިޔެއިން ނެތިކޮއްލަން ޖެހުނު ސަބަބު ހާމަ އެއް ނުކުރެވޭނު....ކޮބާތޯ އެވަރުގެ ކަމެއް އެމީހާ ކުރަން ޖެހުނު ސަބަބަކީ؟؟؟؟...ގައިމު ފިސާރި މަޑުމައިތިރި ރަނގަޅު މީހެކޯ ތިޔަ ބިދޭސީ މީހާއަކީ....