ޚަބަރު

10 ޤައުމެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލަނީ


10 ޤައުމެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާން ޢަމުރުކުރައްވައިފިއެވެ.

ގިނަ ޢަދަދެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ނިންމެވިކަން އިޢުލާންކުރައްވަމުން ޢުރުދުޣާން ވިދާޅުވީ އެ ޤައުމުތަކުގެ ސަފީރުން ފޮނުވާލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރަށް އަންގަވާފައިވާނެކަމަށެވެ. ނަމަވެސް އެ ސަފީރުން ފޮނުވާލުމަށް ނިންމެވި ތާރީޚެއް ޢުރުދުޣާން ވިދާޅެއް ނުވެއެވެ.

ގިނަ ޢަދަދެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ޢުރުދުޣާން ނިންމެވީ އެ ޤައުމުގައި ޙައްޔަރުކޮށްފައިވާ މޭސްތިރިއެއްކަމަށްވާ އުސްމާން ކަވާލާ މިނިވަންކުރުމަށް އެދުމުންނެވެ. ތުރުކީވިލާތުން ކަވާލާ ޙައްޔަރުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުޙްމަތުތަކުގެ ތެރޭގައި 2013ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުރި މުޒާހަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި 2016ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި އަސްކަރީ ބަޣާވާތުގައި ބައިވެރިވުން ހިމެނެއެވެ. ނަމަވެސް އެ ތުޙްމަތުތަކަށް އޭނާވަނީ އިންކާރުކޮށްފައެވެ.

ސަފީރުންނާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފައުޅުކުރައްވައި ޢުރުދުޣާން ވިދާޅުވީ އެ ބޭފުޅުންނަށް ތުރުކީވިލާތް އެނގިވަޑައިނުގަންނަވާކަމަށާއި އެ ޤައުމު ދޫކުރައްވައި އެ ބޭފުޅުން ވަޑައިގަންނަވަން ޖެހޭކަމަށެވެ. ތުރުކީވިލާތުން ފޮނުވާލަން ނިންމި 10 ސަފީރުންގެ ތެރޭގައި ހިމެނެނީ ވިލާތުގެ ޤައުމުތަކަށް ނިޞްބަތްވާ ސަފީރުންނެވެ. އޭގެ ތެރޭގައި ތުރުކީވިލާތްވެސް ހިމެނޭ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ހަތް ޤައުމަކަށް ނިޞްބަތްވާ ސަފީރުންވެސް ހިމެނެއެވެ. އެއާއެކު ފާއިތުވި 19 އަހަރުގެ ތެރޭގައި ޢުރުދުޣާނަށް ކުރިމަތިވަޑައިނުގަންނަވައި އުނދަގޫތަކަކާ އޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

ފަރަންސޭސިވިލާތަށް އުފަން ކަވާލާ މިނިވަންކުރުމަށް ގޮވާލާފައިވަނީ އެމެރިކާއާއި ޖަރުމަންވިލާތާއި ފަރަންސޭސިވިލާތާއި ނެދަލޭންޑްސާއި ކެނެޑާއާއި ޑެންމާކާއި ފިންލޭންޑާއި ނޯވޭއާއި ސުވިޑަންނާއި ނިޔު ޒީލޭންޑުގެ ސަފީރުންނެވެ.