ޚަބަރު

އިންޑިޔާގެ ދާޚިލީ ވަޒީރު ކަޝްމީރަށް


ކަޝްމީރުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހް އެ ސަރަޙައްދަށް ވަޑައިގެންފިއެވެ.

އިންޑިޔާގެ ދާޚިލީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށް އަމިތު ފުރަތަމަ ފަހަރަށް ކަޝްމީރަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވީ އެ ސަރަޙައްދުގެ ޒުވާނުންނަށް ރަޙްމަތްތެރިކަމުގެ އަތެއް ދިއްކޮށްލައްވަން ބޭނުންފުޅުވާކަމަށާއި އެ ސަރަޙައްދުގައި ދިމީޤްރާޠީ ނިޒާމެއް އޮތުން މުޙިއްމުކަމަށެވެ. އަދި އިންޑިޔާގެ ސަރުކާރާ ގުޅިގެން ކުރިޔަށް ދިޔުމަށް އަމިތުވަނީ ކަޝްމީރުގެ ޒުވާނުންނަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ ކަޝްމީރުގައި ހަމަޖެހުން ޤާއިމުކުރެވުމުން އެ ސަރަޙައްދު ތަރައްޤީކުރުމަށް ފުރުޞަތު ފަހިވާނެކަމަށާއި އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެކަމެއް ނޫންކަމަށެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި އަމިތު ކަޝްމީރަށް ވަޑައިގެންފައިވަނީ އެ ސަރަޙައްދުގެ ސަލާމަތީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ. އެ ގޮތުން ފާއިތުވި ތިން ހަފުތާގެ ތެރޭގައި ކަޝްމީރުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި 38 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޢާއްމުންގެ 11 މީހުންނާއި އިންޑިޔާގެ ސިފައިންގެ 10 މީހުންނާ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް ނިޞްބަތްވާ 17 ހަނގުރާމަވެރިން ހިމެނެއެވެ.

2019ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އިންޑިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ސަރަޙައްދުތަކަށް ޤާނޫނީ ގޮތުން ދީފައިވާ އިމުތިޔާޒުތައް އުވާލައި އެ ސަރަޙައްދުތަކަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއާއެކު ކަޝްމީރުގައި ހަމަނުޖެހުން އުފެދުމުން އިންޑިޔާއިންވަނީ އެ ސަރަޙައްދުން މުވާޞަލާތީ ގުޅުންތައް ކަނޑަލައި އަސްކަރިއްޔާ ބޭނުންކޮށްގެން އެ ސަރަޙައްދު ބަންދުކޮށްފައެވެ.