ކުޅިވަރު

ސިޓީ މޮޅުވެ ތާވަލުގެ ދެވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފިލް ފޮޑެންގެ މޮޅު ކުޅުމާއެކު ބްރައިޓަން އަތުން 4-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ލީގުގެ ދެ ވަނައަށް ޖެހިލައިފިއެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ 31 މިނިޓް ތެރޭގައި ސިޓީން ވަނީ ތިން ގޯލު ޖަހައިފައެވެ. މެޗުގެ 13 ވަނަ މިނިޓްގައި ސިޓީގެ ކެޕްޓަން އިލްކާއި ގުންޑޮގާން ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 28 ވަނަ މިނިޓްގައި ކައުންޓަރ އެޓޭކެއްގައި ސިޓީގެ ޖެކް ގްރީލިޝް ދިން ބޯޅައަކުން ފޮޑެންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް އެޑަސަން ދިން ޕެނަލްޓީ އަކުން ބްރައިޓަންއިން ގޯލެއް ޖެހިއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ސިޓީގެ ފަހު ގޯލު ޖެހީ ފޮޑެން ދިން ބޯޅައަކުން ރިޔާދު މަހްރޭޒްއެވެ.

މިމޮޅާއެކު ދެ ވަނަ މަގާމަށް އެރި ސިޓީ ވަނީ ނުވަ މެޗުން 20 ޕޮއިންޓް ހޯދައިފައެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް އަލުން ދެ ވަނަ އަށް އެރެން އޮތީ މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މޮޅުވެގެންނެވެ. ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސް އާއި ނިއުކާސަލް 1-1 އިން އެއްވަރުވިއިރު، ލީޑްސް އާއި ވުލްވްސް ވެސް ނިމުނީ ހަމަ އެ ނަތީޖާއިންނެވެ.

ސައުތުހެމްޓަން ދަނޑުގައި ބާންލީ ވެސް ވަނީ 2-2 އިން އެއްވަރުކޮށްފައެވެ. ކްލައުޑިއޯ ރަނިއޭރީގެ ވަޓްފޯޑް ވަނީ 5-2 އިން އެވަޓަން ދަނޑުގައި މޮޅުވެފައެވެ. މިއީ ކުރިން ލެސްޓާ އާއި ޗެލްސީއަށް ކޯޗުކޮށްދިން ރަނިއޭރީ ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.