ކަނޑަށް ވެއްޓި ގެއްލުނު ތުއްތު ކުއްޖާ ހޯދުމުގެ މަސައްކަތަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ، ހާދިސާއަށް ހަފްތާއެއްފަހުން ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި "ޑްރީމް ލޯންޗް"އަށް، މޫސުން ގޯސްވެ ރާޅު އެރި ހާދިސާއެއްގައި އެ ލޯންޗުން ދަތުރުކުރި 4 އަހަރުގެ ފިރިހެން ކުއްޖަކު މޫދަށް ވެއްޓިވަނީ ގެއްލިފައެވެ. މިމަހުގެ 16ވަނަ ދުވަހު ހިނގި މި ޙާދިސާއާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން، ކަނޑުމަގުންނާއި ވައިގެމަގުންވަނީ ކޮށްފައެވެ. އަދި ކަނޑު އަޑީގެ ސަރަޙައްދުތައްވަނީ ބަލާފައެވެ. އެގޮތުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއްވަނީ ބަލާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީ، ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށެވެ.
މާލެއިން ވ.އަތޮޅަށް ކުރި ދަތުރުގައި، ލޯންޗަށް ބޮޑު ރާޅެއް އަރާ، 4 އަހަރުގެ ކުއްޖާއާއި ކުއްޖާގެ މަންމަ އަދި ބޭބެވެސް ކަނޑަށް ވެއްޓުނެވެ. ކުއްޖާގެ ބޭބެ ސަލާމަތްވި ނަމަވެސް، މި ޙާދިސާގައި ކުއްޖާގެ މަންމަވަނީ ނިޔާވެފައެވެ. އަންހެން މީހާ މޫދުން ނަގާ، ކ.ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.