ޚަބަރު

އައްޑޫ ބޮޑު ބްރިޖުގެ މަސައްކަތް ފަށައިފި


އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ހަންކެޑެ ބޭރުން ހެދުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތެވެ. މި ބްރިޖުގު ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިވަގުތު ކުރަމުންދަނީ ތަނބު ޖެހުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. ބްރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނައިރު މިއީ 4 ލޭނަށް ހަދާ ބްރިޖެކެވެ.

މިމަސައްކަތް ފެށުމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިހާރު މަސައްކަތް ފެށިގެން ގޮސްފައިވާއިރު، އައްޑޫގައި މިހެދޭ ބްރިޖުން މުސްތަޤުބަލުގައި އައްޑޫ ލިންކްރޯޑު ތަރައްޤީވެފައި އޮންނާނެ ގޮތް ފެނިގެންދާނެކަމަށެވެ.

"މައިގަނޑު ގޮތެއްގައި މިހާރު އެހިނގަނީ ތަނބުތައް ޖަހާނެ ލޮކޭޝަންތަކުގެ ފެންވަރު ބަލާލުމުގެ މަސައްކަތް. މަގުގެ [މަގު ހެދުމުގެ މަޝްރޫޢުގެ] ވަރަށް ބޮޑު ހޭދައެއް މި ބްރިޖަށް އެބަދޭ. އެހެންނަމަވެސް އައްޑޫގެ ލިންކްރޯޑު މުސްތަޤުބަލު ފެންނާނީ މި ބްރިޖުން އަސްލު. މި ބްރިޖް ހެދިފައި އޮންނާނީ އައްޑޫގެ ލިންކްރޯޑު ދެން އޮންނާނެ ގޮތަށް. އެއީ ފޯ ލޭން މަގެއްގެ ގޮތުގައި މި ބްރިޖް ހެދިފައި އޮންނާނީ. އެއީ މުސްތަޤުބަލުގައި ލިންކް ރޯޑު ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް ފެންނަ ގޮތް. މުހިންމު ފެށުމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލު މިކުރަނީ " ނިޒާރު ވިދާޅުވިއެވެ.

އައްޑޫ މަގުހެދުމުގެ މައިގަނޑު ދެ މަޝްރޫޢެއް ކުރިއަށް އެބަދެއެވެ. އެގޮތުން 1.19 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާ އެންމެ ބޮޑު މަޝްރޫޢަކީ މި ބްރިޖު ހިމެނޭ މަޝްރޫޢެވެ. ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ.

މިމަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް މިދިޔަ ސެޕްޓެމްބަރުމަހުގެ ފަހުކޮޅު ވަނީ ގެންގޮސްފައެވެ. އަދި މަސައްކަތް ފެށުމަށް 150 އެއްހާ ލޭބަރުން މިހާރު އައްޑޫއަށް އައިސްފައިވާއިރު މުޅި ޖުމްލަ 600 އެއްހާ ލޭބަރުން މިމަަސައްކަތަށް ބޭނުންވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގެ ލިންކް ރޯޑުގެ 3.3 ކިލޯމީޓަރު ރީސާފޭސް ކުރެވި، މުޅިން އަލަށް 27 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި 67 ކިލޯމީޓަރު މަގުގައި ސިމެންޓް ބޭސް ލޭޔާރ އަޅައި މަގު ހެދުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން އައްޑޫގެ މަގުތަކުގައި މަގު ބައްތި ހަރުކޮށް ޓްރެފިކް ނިޝާނާއި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވަނީ ނިންމާފައެވެ. އަދި މަގުތަކުގެ މަސައްކަތް ނިމޭއިރު އައްޑޫގައި އޮތް ނަރުދަމާގެ މައްސަލައާއި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަވެސް ޙައްލުވެގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.