ޚަބަރު

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަލަސްޠީނުގެ ޖަމުޢިއްޔާތައް ހަނގުރާމަވެރިންގެ ލިސްޓަށް


އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަލަސްޠީނުގެ ޖަމުޢިއްޔާތައް ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި އިސްރާއީލުން ހިމަނައިފިއެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުނީ ފަލަސްޠީނުގެ ހަ ޖަމުޢިއްޔާއެއް ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާކަމަށާއި އެ ޖަމުޢިއްޔާތަކަކީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ވައަތު ފިޔައިގެ ޕޮޕިޔުލަރ ފުރަންޓު ފޮރ ދަ ލިބަރޭޝަން އޮފް ފަލަސްޠީން، ޕީއެފްއެލްއެފްއާ ގާތްގުޅުންތަކެއް އޮންނަ ޖަމުޢިއްޔާތަކެއްކަމަށެވެ. ޕީއެފްއެލްއެފަކީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް މީގެ ކުރިން ދީފައިވާ ޖަމާޢަތެކެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަލަސްޠީނުގެ ހަ ޖަމުޢިއްޔާއެއް ހިންގަނީ ޕީއެފްއެލްއެފުގެ އިސްވެރިންކަމަށާއި އެ ޖަމުޢިއްޔާތައް ބޭނުންކުރަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޕީއެފްއެލްއެފް ތަމުޞީލުކުރުމަށްކަމަށެވެ. އަދި އެ ޖަމުޢިއްޔާތައް ބޭނުންކޮށްގެން ޕީއެފްއެލްއެފަށް މާލީ ބޮޑެތި މަންފާތަކެއް ލިބިފައިވާކަމަށްވެސް ޔަހޫދީން ތުޙްމަތުކުރެއެވެ.

ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ދަޢުލަތުގެ ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ ސަރުކަރާއި އދންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.