ކުޅިވަރު

ބޭނުންވަނީ ލީވަރޕޫލްގައި ހުރެގެން ކެރިއަރ ނިންމާލަން: ސަލާ


އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުޙައްމަދު ސަލާހް ބޭނުންވަނީ އޭނާގެ ކެރިއަރ އެކްލަބްގައި ހުރެ ނިންމާލަންކަމަށް އޭނާ ހާމަކޮށްފިއެވެ. ސަލާހް މިކަން ހާމަކޮށްފައިވަނީ ސްކައި ސްޕޯޓްސްއަށް ދިން އިންޓަރވިއުއެއްގައެވެ.

ސަލާހް ބުނީ އޭނާކައިރީ އަހައިފިނަމަ އޭނާ ބުނާނީ ލިވަޕޫލްގައި އޭނާގެ މުޅި ކެރިއަރ ނިންމާލަން ބޭނުން ވާހަކަ ކަމަށާއި ނަމަވެސް މިކަންތައްތައް އެގޮތަށް އޭނާގެ އަތްމަތީގައި ނޯންނަކަމަށެވެ. މިފަދަ ކަންތައްތަކަކީ ގިނަ ފަހަރަށް ކްލަބްގެ އަތްމަތީގައި އޮންނަ ކަންތައްތައް ކަމަށާއި އަދި ކަން ނިމޭނީ ކްލަބުން ބޭނުން ވާ ގޮތަށް ކަމަށެވެ. ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މިއަންނަ އަހަރުގެ ސީޒަނާއިއެކު ނިމޭނެއެވެ. ސަލާހް ހާމަކުރިގޮތުގައި މިވަގުތު އެނާ ލިވަޕޫލާއި ދެކޮޅަށް ކުޅޭތަން ނުފެންނަކަމަށާއި އެކަން އެހެން ވެއްޖެނަމަ އޭނާއަށް އެކަން ކުރަން ވަރަސް އުނދަގޫވާނެކަމަށެވެ. ސަލާހް ލިވަޕޫލާ ގުޅިފައިވަނީ 2017 ވަނަ އަހަރު އޭއެސް ރޯމާއިން 34 މިލިއަން ޕައުންޑަށެވެ. އަދި މިހާތަނަށް ކުޅުނު 214 މެޗްގައި އޭނާވަނީ 137 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެތެރޭގައި މިހާރު ކުރިއަށްދާ ސީޒަންގައި ޖަހާފައިވާ 12 ލަނޑުވެސް ހިމެނެއެވެ.

ސަލާހް އޭނާގެ ފުޓްބޯޅަ ކެރިއަރ ފަށާފައިވަނީ މިސްރުގެ ކްލަބެއް ކަމަށްވާ އަލް މޮކައުލޫންއިންނެވެ. އޭގެއިތުރުން އޭނާވަނީ ބާސެލް، ޗެލްސީ، ފިއޮރެންޓީނާ އަދި ރޯމާއަށްވެސް ކުޅެފައެވެ.