ވިޔަފާރި

މުވައްޒަފުންނަށް ކުރިއެރުން ލިބޭގޮތަށް އެމްޕީއެލްގެ އޮނިގަނޑު ބަދަލުކުރަނީ


މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބޭގޮތަށް އެމްޕީއެލްގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އާ ސެކިއުރިޓީ ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޝާހިދު ޢަލީ ވިދާޅުވީ މުޅި ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދަނީ ކޭޕީއެމްޖީގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އޮނިގަނޑު ބަދަލުކުރުމުގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް ކުރިއެރުން ލިބެގެން ދިޔުން ކަމަށެވެ.

" ހުރިހާ މުވައްޒަފުންނަށް ވީހާވެސް ރަނގަޅަށް، ހަމަހަމަކަމާއި އެކޮށް އެމުވައްޒަފުންނަށް ލިބިގެންދާނެ ހައްޤުތަށް ފޯރުކޮށް ދެވޭނެ ގޮތަކަށް އެމްޕީއެލްގެ މަސައްކަތްތަށް ކުރިއަށްގެންދިޔުން، ބޭނުމަކީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް އެކުންފުނިން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އެގޮތުން ބޭނުންވާ ތަމްރީންތަށް ކުރިއަށް ގެންދާކަމަށާ، މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިިކަމަށްޓަކައި ސްކޮލަރޝިޕް ފުރުސަތުތަކާއި އެޕްރެންޓެޝިޕް ޕްރޮގްރާމްތަށް އެމްޕީއެލުން ކުރިއަށްގެންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.