ޗައިނާއިން އަތުވެދާނެ އެއްވެސް ޙަމަލާއަކުން ތައިވާން ދިފާޢުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވައިފިއެވެ.
ސީއެންއެންގެ ޕުރޮގުރާމެއްގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޗައިނާގެ ޙަމަލާއަކުން ތައިވާން ދިފާޢުކޮށްދިނުމަކީ އެމެރިކާއިން ފުއްދަން ޖެހޭ ވަޢުދެއްކަމަށެވެ. ބައިޑަންގެ ވާހަކަފުޅުން ޒަމާނުއްސުރެ ތައިވާނުގެ މައްސަލާގައި އެމެރިކާއިން ގެންގުޅެމުންދިޔަ ސިޔާސަތުތަކަށް ބަދަލުގެންނަވަން ބޭނުންފުޅުވާކަން ދޭހަކޮށްދޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. ތައިވާނަށް އަސްކަރީ ގޮތުން ބޮޑެތި އެހީތަކެއް އެމެރިކާއިން ފޯރުކޮށްދިން ނަމަވެސް ޙަމަލާއަކުން އެ ޤައުމު ދިފާޢުކޮށްދޭނެކަމަކަށް އެމެރިކާއިން މީގެ ކުރިން ބުނެފައެއް ނުވެއެވެ. އެ މޭރުމުން ބައިޑަން ވާހަކަފުޅުދައްކަވާފައިވަނީ ޗައިނާއިން ވަކިވެގަތުމަށް ތައިވާނުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗައިނާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާއިން މީގެ ކުރިން ބުނެފައިވަނީ ތައިވާނުގެ މައްސަލާގައި އެމެރިކާއާއެކު އެއްބަސްވުމެއް އޮންނާނެކަމަށާއި އެ އެއްބަސްވުމަށް އަމަލުކުރުން ނޫންކަމެއް އެމެރިކާއަށް ކުރަންނުޖެހޭނެކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ ތަފްޞީލެއް ޗައިނާއިން ދީފައެއް ނުވެއެވެ. އެމެރިކާއިންވެސްވަނީ އެފަދަ އެއްބަސްވުމެއް އޮތްކަން ޔަޤީންކޮށްދީފައެވެ.