ކުޅިވަރު

ޑެމްބެލޭ ހޯދަން ނިއުކާސަލްއިން މަސައްކަތް ކުރަނީ


ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖެނުއަރީ މަހު ޑެމްބެލޭއަށް ނިއުކާސަލްއިން ބިޑްކުރާއިރު، އޭނާ ގަތުމަށް 15 މިލިޔަން ޔޫރޯ ޚަރަދުކުރަން ނިއުކާސަލް އޮތީ ތައްޔާރަށެވެ. އަދި އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ޖެނުއަރީ މަހު އޭނާ ވިއްކާލަން ބާސާ އޮތީ ތައްޔާރަށް ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނިއުކާސަލް ގަންނަން ޕީއައިއެފުން ދާދި ފަހުން ވަނީ ޖުމްލަ 350 މިލިޔަން ޔޫރޯ ހޭދަކޮށްފައެވެ.

ޕީއައިއެފްގެ މިލްކިއްޔާތުގައި 372 ބިލިޔަން ޔޫރޯ ހުރިއިރު، މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ރިޕޯޓުތައް ބުނާ ގޮތުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލްއަށް 200 މިލިޔަން ޔޫރޯ ޚަރަދުކުރެވޭނެއެވެ. ހަތް ކުޅުންތެރިން ގަންނަން ނިއުކާސަލްއިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ފްރާންސްގެ ފޯވާޑް ޑެމްބެލޭވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 24 އަހަރުގެ ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 147 މިލިޔަން ޔޫރޯގެ އަގަކަށެވެ.

ބާސާއާއެކު ޑެމްބެލޭ އެ ފަހަރު ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. މިހާތަނަށް ބާސާއަށް ކުޅެދިން 118 މެޗުގައި ޑެމްބެލޭއަށް ކާމިޔާބުކުރެވިފައިވަނީ 30 ލަނޑެވެ.